ނަގުދު ފައިސާ ބޭނުން ނުކުރާ ޓެކްސީތަކަށް ބީއެމްއެލްއިން ޕީޕީއީ ޕެކެއް ދެނީ

ބީއެމްއެލްގެ ޓެކްސީއަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ހިދުމަތް-- ފޮޓޯ/ބީއެމްއެލް

ނަގުދު ފައިސާ ބޭނުން ނުކޮށް، ޓެކްސީއަށް ފައިސާ ދެއްކޭނެ ބީއެމްއެލްގެ "ކޭޝްލެސް ޕޭމަންޓް" ހިދުމަތް ބޭނުން ކުރާ ޓެކްސީތަކަށް އެ ބޭންކުން ޕީޕީއީ ޕެކް ހަދިޔާކުރަން ނިންމައިފި އެވެ.

މިއީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ހިދުމަތެކެވެ.

މި ހިދުމަތް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފުކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ބީއެމްއެލްގެ ޓެކްސީއަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ހިދުމަތް ތައާރަފުކޮށްދެއްވުން-- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލް އިން ބުނީ މި ހިދުމަތާ އެކު ޓެކްސީ ޑްރައިވަރުންނަށް ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ ކަމަށެވެ.

ބީއެމްއެލްއިން ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް ގާއިމްކުރާ ކޮންމެ ޓެކްސީއަކަށް މާސްކާއި ސެނިޓައިޒާ ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މި ހިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާލެވޭނެ އެވެ. ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބީއެމްއެލްއިން ފޯރުކޮށްދީފައި ވަނީ ރައްކާތެރިކަމާ އެކު ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތް ދިނުމަށް އެ ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ހިދުމަތްތަކުގެ ތެރެއިންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޭޝްލެސް ހިދުމަތް ތައާރަފްކޮށްދެއްވުމަށް ފަހު މިނިސްޓަރު ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރާ ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ވެސް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފަ އެވެ.

comment ކޮމެންޓް