އޭއެފްސީ ބްރެކެޓް ޗެލެންޖް: ފުރަތަމަ ބުރުގައި ބޮޑު ތަފާތަކުން އަޝްފާގު ކުރި ހޯދައިފި

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލާއި ކުވައިތު އެފްސީއަށް ބްރެޒިލްގެ ރޮޖެރީނިއޯގެ ގޯލުގެ ކުރިމަތިލުން އަޝްފާގު ކާމިޔާބު ކޮށްފި އެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި ހިމެނެނީ 2013 ވަނަ އަހަރުގެ އޭއެފްސީގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

އެގޮތުން އަޝްފާގާއި ވާދަކުރީ އޭއެފްސީ ކަޕް ތިން ފަހަރަށް ކާމިޔާބު ކުރި ކުވައިތު އެފްސީއަށް ރޮޖެރީނިއޯ ޖަހައިދިން ގޯލެވެ. ޗެލެންޖުގެ ފުރަތަމަ ރައުންޑުން އަޝްފާގު ކުރި ހޯދާފައިވަނީ ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓާއެކުގައެވެ.

މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދާފައެވެ.

މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ ޖެހި އެ ގޯލަށް ލިސްޓުގެ އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.

ބްރެކެޓް ޗެލެންޖުގެ ފުރަތަމަ ބުރު މިހާރު ނިމިފައިވާ އިރު، ދެން އޮންނާނީ ގަދަ 16 ގެ ކުރިމަތިލުމެވެ. މި ބުރުގެ ވޯޓުލުން އަދި އޭއެފްސީން ހުޅުވާލާފައެއް ނުވެ އެވެ.

comment ކޮމެންޓް