އެފްއޭއެމްގެ ރައީސްކަމަށް ދަގަނޑޭ ގެނައުމަށް ގިނަ ބައެއްގެ ތާއީދު!

ބަންގުލަދޭޝް ކޮޅަށް ގޯލު ޖެހުމަށްފަހު ދަގަނޑޭ އުފާފާޅުކުރަނީ --- ސަން ފައިލް ފޮޓޯ: އަހްމަދު އައިހަމް

ދިވެހި ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ މަގާމަށް ގެނައުމަށް ގިނަ ބަޔަކު ތާއީދުކުރަން ފަށައިފިއެވެ.

އެފްއޭއެމްގެ ރައީސްކަމަށް ދަގަނޑޭ ގެނައުމުގެ މަސައްކަތް ފުރަތަަމަ ފެށިގެންދިޔައީ "ދަގަނޑޭ ފޯ އެފްއޭއެމް"ގެ ނަމުގައި ފެށި ފޭސްބުކް ޕޭޖަކުންނެވެ. އެ ޕޭޖުން ޖެހި ފުރަތަަމަ ޕޯސްޓުން ވެސް ގިނަ ބައެއްގެ ތާއީދު ދަގަނޑޭއަށް އޮތްކަން އެނގުނެވެ.

އެ ޕޭޖުން ކުރި ފުރަތަަމަ ޕޯސްޓުގައި، ދަގަނޑޭގެ ކުޅުމުގެ ހުނަރު ފާހަގަކޮށް، ފުޓުބޯޅައިގައި އިތުރު ހަރުފަތަކަށް ދިއުމަށް އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އޭނާ ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ.

ދަގަނޑޭގެ ފަހަތުން ގައުމީ ދިދައެއް ފެންނަ ފޮޓޯއާއެކު އެ ޕޭޖުން ކުރި އެ ޕޯސްޓް މާގިނައިރުތަކެއް ނުވެ، "ވައިރަލް" ވެގެންދިޔައެވެ. މިއަދު މެންދުރުފަހު ކުރި އެ ޕޯސްޓަށް މިހާތަނަށް ވަނީ 600 އަށްވުރެ ގިނަ ޝެއާ އަދި 300 އަށްވުރެ ގިނަ ލައިކް ލިބިފައެވެ.

ދަގަނޑޭގެ ގާތް މީހަކު "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުން ދަގަނޑޭ ގެންގުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ދަގަނޑޭ އެކަމަށް ގޮތެއް ނިންމައި، ކްލަބުތަކުގެ ތާއީދާއެކު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އޭނާ ބުންޏެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. ބައްސާމް އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވާ އިރު، އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާއެކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމަށް ގަވާއިދުން ލީގު ހިންގޭ ގޮތް ނުވުމުން އެކަމުގެ އަސަރު ގައުމީ ޓީމުން ވެސް ފެނިގެންދެއެވެ. ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތުމަށްފަހު، މިހާރު ނޭޕާލް އަދި ބަންގުލަދޭޝް ފަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

ދަގަނޑޭގެ ޕޯސްޓު ޝެއާކުރަމުން ބައެއް ފަރާތްތަކުން ވަނީ ބައްސާމް ދުރުކުރުމަށް ގޮވާލައިފައެވެ. ދެން ބޭނުންވަނީ ބައްސާމް ނޫން ގޮތެއް ކަމަށާއި އެއީ ދަގަނޑޭ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

comment ކޮމެންޓް