ރިސޯޓަށް ޗުއްޓީއަށް އައިސް ސަފާރީއަށްވެސް ދެވޭގޮތަށް ހަދައިފި

ސަފާރީއެއް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓު އަދި ސަފާރީގައިވެސް ޗުއްޓީ ހޭދަކުރެވޭގޮތަށް ސްޕްލިޓް ސްޓޭ ހުއްދަ ދޭން ނިންމައިފި އެވެ.

މީގެ ކުރިން ސްޕްލިޓް ސްޓޭ ހުއްދަ އޮތީ އެއް ރިސޯޓަށްވުރެ ގިނަ ރިސޯޓުގައި ޗުއްޓީ ހޭދަކުރެވޭގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ ސްޕްލިޓް ސްޓޭ ގަވައިދާ އެއްގޮތަށް ޓޫރިޒަމް މިނިސްޓްރީ އިން ދޭ ހުއްދައިގެ ދަށުން ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މިހާރު ސަފާރީ ބޯޓުތަކުގައި ޗުއްޓީ ހޭދަކުރެވޭނެ ކަމަށެވެ. އެކަމަށް އެޗްޕީއޭ އިން މިހާރު ހުއްދަ ދީފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އޮޕަރޭޓުކުރާ 119 ލިވަބޯޑް ވެސަލް އަކަށް މިހާރު ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައެވެ.

ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 21 ގެ ނިޔަލަށް 31،801 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިނިސްޓްރީ އިން ބުނީ ޓޫރިޒަމް ރިކަވާ ވަމުން އަންނަތަން ފެންނަ ކަމަށައި އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށެވެ. މިނިސްޓްރީގެ ސިޔާސަތުތައް ބައްޓަން ކުރަނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަން ދީގެން ކަމަށެވެ.

comment ކޮމެންޓް