އޭރޯފްލޯޓުގެ ދަތުރުތައް ވެސް ރާއްޖެއަށް އިތުރު ކުރަނީ

އޭރޯފްލޯޓުގެ ބޯޓެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ/ޓްވިޓާ

މި މަހުގެ 24 އިން ފެށިގެން ރަޝިއާގެ ފްލެގް ކެރިއާ، އޭރޯފްލޯޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށް ހަފްތާއަކު ހަތަރު ފްލައިޓު ބާއްވަން ނިންމައިފިއެވެ.

އޭރޯ ފްލޯޓުން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ރާއްޖެ އާއި ރަޝިއާ އާއި ދެމެދު މިހާރު ހަފްތާ އަކު ދެ ދަތުރު ބާއްވައެވެ.

ދަތުުރުތައް އިތުރުކޮށް ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ބާއްވަން ނިންމުމާ ގުޅިގެން މިހާރު އާދިއްތަ އަދި ހުކުރު ގައި ބާއްވާ ފްލައިޓުގެ އިތުރުން ހޮނިހިރު އަދި ހޯމަ ދުވަހުވެސް ފްލައިޓެއް ބާއްވާނެއެވެ.

ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ދަތުރުތައް އިތުރު ކުރާއިރު އެ ގައުމުގެ ނޯޑްވިންޑް އެއާލައިނުން ވަނީ މިމަހުގެ 27 އިން ފެށިގެން ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފައެވެ. މީގެ އިތުރުން ރަޝިއާގެ އަޒުރް އެއާ ރަޝިއާ އިންވެސް ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.

ކޮވިޑް19ގެ ހަލަތުގައި މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވާލިފަހުން މިމަހުގެ 14ގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާ އިންނެވެ. އެ މުއްދަތުގައި 6،026 ފަތުރުވެރިން ރަޝިއާ އިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

އޭރޯފްލޯޓުން ދަތުރު ފެށިފަހުން މިހާތަނަށް 24 ފްލައިޓު މޫމަންޓް ރެކޯޑުކޮށްފައިވާއިރު އެ އެއާލައިނުން 3،961ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.

comment ކޮމެންޓް