ހެލްތަށް ކެރަފާ ނަސީމް އައްޔަން ކުރުމުން ނަޝީދު ހިތްހަމަ ޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާ އައިލީ ގޮތުން ގުޅުން އޮންނަ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ހުސްވެފައިވާ ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން އެމަނިކުފާނު ހިތްހަމަޖެހޭކަން ފާޅުކުރައްވައިފި އެވެ.

ކެރަފާ ނަސީމް ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން އެކަމަށް މަރުހަބާ ކިޔައި، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެރަފާ ނަސީމް އެ މަގާމަށް އައްޔަންކޮށްފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި ބޭފުޅެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ރައީސް ސޯލިހުގެ އެ ނިންމެވުމަށް ނަޝީދު ތައުރީފް ކުރެއްވި އެވެ.

"ރައީސް ސޯލިހްގެ ތިޔަ ނިންމުމަކީ ވަރަށްވެސް ފުރިހަމަ ނިންމެވުމަށް. އަޅުގަނޑަށް ޔަގީން މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެ،" ރައީސް ނަޝީދުގެ ޓްވީޓްގައި ލިޔުއްވި އެވެ.

ނަސީމްއަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކަށްވާއިރު މީގެ ދުވަސްކޮޅެއް ކުރިން، ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވުމާ އެކުވެސް އެމްޑީޕީގެ މެންބަރުން ވަނީ ނަސީމް މިނިސްޓަރަކަށް އައްޔަން ކުރަން ޕްރެޝަރުކޮށްފަ އެވެ.

ހެލްތް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަމީން މިނިސްޓަރު ކަމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. މިފަހަކަށް އައިސް، އެމްޑީޕީގެ މަޖިލިސް މެންބަރުން ފާޅުގައި ގޮވާލަައްވަމުން ގެންދަވަނީ ކޯލިޝަންގެ ޕާޓީތަކުން އައްޔަންކޮށްފައިވާ މިނިސްޓަރުން ޕާފޯމް ނުކުރާ ކަމަށާއި އެ މިނިސްޓަރުން ވަކިކޮށް ދެން އެ ޕާޓީތަކަށް ކެބިނެޓުން ފުރުސަތު ނުދިނުމަށެވެ.

އެމްޑީޕީއިން ބުނަމުން ދަނީ ކޯލިޝަން ޕާޓީތަކުން ކެބިނެޓަށް އައްޔަން ކުރި މިނިސްޓަރުން މަސައްކަތް ނުކުރައްވާތީ، އެކަމުގެ ބަދުނާމު އެމްޑީޕީއަށް ލިބެމުން އަންނަ ކަމަށެވެ.

ކެރަފާ ނަސީމްއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުވެސްމެ އެވެ.

ހެލްތް މިނިސްޓަރުކަމުން އަމީނަށް އިސްތިއުފާ ދެއްވަން މަޖުބޫރުވީ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީގެ 24 މަޖިލިސް މެމްބަރުން އޭނާ ވަކިކުރުމަށް މަޖިލީހަށް މައްސަލަ ހުށަހެޅުމާ އެކު އެވެ. އަމީނަށް ތުހުމަތު ކުރެވެނީ، ކޮވީޑް19އާ ގުޅިގެން ރާއްޖެއިން ބޭރުން ގެނައި ވެންޓިލޭތަރުތަކުގެ ކަންކަމުގައި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. ނަމަވެސް އަމީން ވިދާޅުވަނީ، އެކަންކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

ރައީސް ނަޝީދުވެސް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އަމީން މަގާމުން ވަކިކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައިގައި އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ޕޮރޮސެކިއުޓާ ގެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފަ އެވެ. އެހެން ނަމެވެސް ޕީޖީން ވަނީ ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

comment ކޮމެންޓް