ކުރިއަށް އޮތް ފަސް އަހަރުވެސް އޭޑީބީން ރާއްޖެއަށް އެހީ ދޭނެ

އޭޑީބީގެ ރައީސް އާއި ފިނޭންސް މިނިސްޓަރު އަމީރު --- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރިއަށް އޮތް ފަސް އަހަރު ވެސް އޭޑީބީ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފިއެވެެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީ އިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން ކުރިއަށް އޮތް ފަސް އަހަރަށް އާ ކޮށްފައެވެ. އެގޮތުން އޭޑީބީގެ ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ (ސީޕީއެސް) އާއެކު ރާއްޖެއަށް 2020-2024 އާ ދެމެދު އެހީ ދޭނެއެވެ.

އޭޑީބީ އިން ދަނީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭޑީބީ އިން ބުނީ އާ ސީޕީއެސްއާއެކު ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އެ ބޭންކުގެ އެހީތެރިކަން ދޭނެ ކަމަށެވެ.

އެގޮތުން ޕަބްލިކް ސެކްޓާގެ އެފިޝިއަންސީ އިތުރުކޮށް، ފިސްކަލް ސަސްޓެއިނެބިލިޓީ ހަރުދަނާ ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ދާއިރާ އާއި ޓެކްސް އެޑްމިނިސްޓްރޭޝަނާ ބެހޭ ދާއިރާގެ ތަރައްގީ އަށް ކުރިއަށް އޮތް ފަސް އަހަރު އެ ބޭންކުން އެހީ ދޭނެއެވެ.

ހާއްސަކޮށް ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް އޭޑީބީ އިން ވަނީ ބުނެފައެވެ. ކޮވިޑުގެ މި ހާލަތުގައިވެސް އެ ބޭންކުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.

އާ ސީޕީއެސްގެ ދަށުން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ބުނާ ކަންތައް ހާސިލު ކުރުމަށް އެހީ ދޭނެ ކަމަށާއި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ކުރިއެރުވުމަށް ޓެކްނިކަލް އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

comment ކޮމެންޓް