ބައެއް އަރަބި ސަފީރުންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

އަރަބި ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރެއްވުމަށް މިއަދު މިނިސްޓަރު ކުރިއަށް ގެންދެވި ވާޗުއަލް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : ފޮރިން މިނިސްޓްރީ

ބައެއް އަރަބި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނޮން ރެޒިޑެންޓް ސަފީރުންނާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދެވި ބައްދަލުވުމުގައި އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ. އޭގެއިތުރުން އޮމާންއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު، މިނިސްޓަރު ވަނީ ސަފީރުންނާ ހިއްސާކުރައްވައި، އެ ގައުމުތަކުގެ ހާލަތު ވަނީ މިނިސްޓަރު އޮޅުންފިލުއްވާފައި ކަމަށެވެ.

އަދި އެގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

އަރަބި ގައުމުތަކުން ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ވަނީ އެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވި އެފަދަ ދެވަނަ ބައްދަލުވުމެވެ. ނިމިދިޔަ ހަފްތާގައި މިނިސްޓަރު ޝާހިދު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކުވެސް އެފަދަ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް