އިންތިޒާރެއްގެ ނިމުން، 277 މީހުން ވަކީލުކަމުގެ ހުވާކޮށްފި

ޖެނުއަރީ 31، 2019: މީގެ ކުރިން ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރި 277 މީހަކު މިއަދު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި އެވެ.

މިއަދު ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އާ ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މިއަދުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އާ ވަކީލުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ވަކީލުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ވަކީލުންނަކީވެސް އާ ތަޖުރިބާތަކެއް ހާސިލުކޮށް، އާ ކަންތައްތަކެއް ދަސްކުރާ ބަޔަކަށް ވާން މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި ލިޔުމާއި ކިޔުމުގެ ތެރޭގައި ދުވަސްތައް ހޭދަކޮށް އިލްމު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ހަމައެނަކި މާލީ ފައިދާއެއް ހޯދަން އެ ފަންނުގެ ތެރެއަށް ވަންނަނީ ގޯސް ވިސްނުމަކާއިގެން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެ ވިސްނުމުގައި ދާއިރާއަށް ވަންނަ ނަމަ އެމީހަކާ ކުރިމަތިވާނީ ނާކާމިޔާބީ ކަމަށް ވިދާޅުވި އެވެ.

ވަކީލުން ވާން ޖެހޭނީ ސާފު ސީދާކޮށް ވާހަކަ ދައްކަންވެސް އެނގޭ އަދި ކަނުލައި އަޑުއަހަންވެސް އެނގޭ ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގިނަ މައުލޫމާތުތަކެއްގެ ތެރެއިން މުހިންމު މައުލޫމާތުތައް ދެނެގަނެ ނިންމުންތައް ނިންމަން އެނގޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ދިރާސާ ކުރުމުގެ ހުނަރުވެސް ވަކީލެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވަނީ ވަކީލުން އިލްމު ހޯދައި މައުލޫމާތުގެ މުއްސަނދިކަން ހޯދުމުގެ މުހިންމުކަމާއި، ވަކީލުންގެ އަގުލާގީ މިންގަނޑެއް ބެހެއްޓުމާ މެދު ވާހަކަ ދައްކަވައިފަ އެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރުވެސް ބާ އިމްތިހާނު ތައްޔާރުކޮށް، އެ އިމްތިހާނު ބޭއްވިފައި ނުވާތީ ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި ގިނަ ބަޔަކު ހުއްދަ ނުލިބި ތިބެން ޖެހުނެވެ.

އެ މައްސަލައަށް ހައްލެއް ހޯދަން، ކިޔަވައި ނިންމާފައި ތިބި މީހުންނަށް ބާ އިމްތިހާނު ނުހަދާ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނަ އެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ.

އެ ތަމްރީނު ޕްރޮގްރާމު މިދިޔަ މަހުގެ 23 ވަނަ ދުވަހު ފަށައި 28 ވަނަ ދުވަހު ވަނީ ނިންމައިފަ އެވެ. 283 މީހަކު ވަނީ އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ. އޭގެ ތެރެއިން މިއަދު ހުވާ ކުރެއްވީ 277 މީހުންނެވެ.

މިއަދު ހުވާ ކުރި މީހުންވެސް އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވާން ޖެހެ އެވެ.

comment ކޮމެންޓް