ސިމްބޮލިކް އިން މަކަރު ހެދި ކަމަށް ބުނެފައެއް ނުވާނެ: ލަވަފޮށި

ސިމްބޮލިކް ރިކޯޑްސް އިން މަކަރު ހަދައިގެން މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ ލަވަފޮށީގައި އެމީހުންގެ ސްޓްރީމިން އަދަދު އިތުރުކުރާ ކަމަށް ދުވަހަކު ވެސް ބުނެފައި ނުވާނެ ކަމަށް ލަވަފޮށިން ބުނެފިއެވެ.

"ދޯ" މެގަޒިންގައި އިއްޔެ ޝާއިއުކުރި ލިޔުމެއްގައި ތުހުމަތުކޮށްފައި ވަނީ، ސިމްބޮލިކް އިން އަލީ ރަމީޒު ފަހަތަށް ޖައްސާލީ މަކަރު ހަދައިގެން ކަމަށެވެ. އަދި އެ ލިޔުމުގައި ލަވަފޮށްޓާ ހަވާލާދީ ލިޔެފައިވާ ވާހަކަތަކުން، ލަވަފޮށިން ވެސް އެކަމަށް އެއްބަސްވާ ކަމަށް ދޭހަވެ އެވެ.

އެ މައްސަލައިގައި ސިމްބޮލިކް ރެކޯޑްސް އިން ރޭގެ 12:00 ގެ ކުރިން ލަވަފޮށިން މައާފަށް އެދި. ކަން ހިނގި ގޮތް ސާފުކޮށްދިނުމަށް އަންގައިފަ އެވެ. އަދި އެގޮތަށް އެކަން ނުކުރެވޭ ނަމަ މިއަދުގެ މެންދުރު 12:00ގެ ކުރިން ސިމްބޮލިކްގެ ހުރިހާ ލަވައެއް ލަވަފޮށިން ނަގައިދިނުމަށް ވެސް އެދުނެވެ.

އެ ލިޔުމުގައިވާ ވާހަކަތަކާ ގުޅިގެން، ލަވަފޮށިން ވަނީ ރޭ 11:35ގައި ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ލަވަފޮށިން ވަނީ ލިޔުމުގައި ހުރި ވާހަކަތައް ދޮގުކޮށްފަ އެވެ.

ލަވަފޮށިން ބުނީ މިވަގުތު އެ ޕްލެޓްފޯމުގައި މަކަރު ހަދާކަމަށް ތުހުމަތު ކުރެވޭ އެއްވެސް އާޓިސްޓެއް ނުތިބޭނެ ކަމަށެވެ. މަކަރު ހަދައިގެން ސިމްބޮލިކް ރެކޯޑްސްގެ ލަވަތައް ސްޓްރީމްކުރާ އަދަދު އިތުރުކުރި ކަމަށް ލަވަފޮށިން ދުވަހަކު ވެސް ބުނެފައި ނުވާނެ ކަމަށެވެ.

އަދި ލަވަފޮށީގެ އެންމެ ކާމިޔާބު އާޓިސްޓުންގެ ތެރޭގައި ސިމްބޮލިކް އޮތީ އެ މަގާމު އެމީހުންނަށް ހައްގުވާތީ ކަމަށާއި، ސިމްބޮލިކް އާއެކު މަސައްކަތް ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް ވެސް ލަވަފޮށީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ސިމްބޮލިކް ރެކޯޑްސް އަށް ލިބޭ މަގުބޫލުކަމާއި ތަރުހީބަކީ އެމީހުންގެ ބުރަ މަސައްކަތުން ހޯދާ، ހައްގު އެއްޗެއް،" ލަވަފޮށިން ބުންޏެވެ.

އެހެންކަމުން "ދޯ" މެގަޒިންގައި ސިމްބޮލިކް ރެކޯޑްސްގެ އަގު ވެއްޓޭގޮތަށް، އިއްޔެ ޝާއިއުކުރި ލިޔުމުގައިވާ ވާހަކަތައް ލަވަފޮށިން ވަނީ ކުށްވެރިކޮށްފަ އެވެ.

އަދި ލަވަފޮށިން ދެއްކި ވާހަކަ އެ ލިޔުމުގައި ގެނެސްދީފައި ވަނީ މާނަ އޮޅޭގޮތަށް ކަމަށާއި، ލިޔުންތެރިޔާގެ އަމިއްލަ ހީގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ޒިންމާދާރު ނޫސްވެރިކަން ކުރުމަށް "ދޯ" އަށް ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލާގައި ލަވަފޮށިން ވަނީ "ދޯ" އާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ނުކުރަން ނިންމައިފަ އެވެ.

ލަވަފޮށީގެ ބަޔާނާ ގުޅިގެން ސިމްބޮލިކް އިން ވަނީ ހަގީގަތް ހާމަކޮށްދިނީތީ ޝުކުރުއަދާކޮށްފަ އެވެ.

"ސިމްބޮލިކް އިން އަބަދު ވެސް މަސައްކަތް ކުރާނީ #ރަތާކަޅުގެލަޝްކަރު ބަލައިގަންނަ ފަދަ އަމިއްލަ އުފެއްދުންތަކެއް ގެނެސްދޭން،" ސިމްބޮލިކް އިން ބުންޏެވެ.

ސިމްބޮލިކް އިން ވެސް ވަނީ އިން ކުރިއަށް އޮތް ތަނުގައި ޒިންމާދާރުކަމާއިއެކު ނޫސްވެރިކަން ކުރުމަށް "ދޯ" އަށް ގޮވާލައިފަ އެވެ.

ސިމްބޮލިކް ރެކޯޑްސް އާ ގުޅޭގޮތުން އެ މަގަޒިންގައި ޝާއިއުކުރި ލިޔުމާ ގުޅިގެން، ގިނަ އަދަދެއްގެ ފަންނާނުން ހިމެނޭ ގޮތުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް