އެކްސްޕޯޓު، އިމްޕޯޓު އަދި ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގު ދަށްވެ، ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓު ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އެތެރެކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އޮގަސްޓު މަހު އެ އަދަދު ވަނީ 1.9 ބިލިއަނަށް ދަށްވެފަ އެވެ. އެއީ، 50 ޕަސެންޓްގެ ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 275 މިލިއަން އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން ބޭރުކުރި ނުވަތަ އެކްސްޕޯޓުކުރި މުދަލަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވެސް ވަނީ، 37 ޕަސެންޓް ދަށްވެފަ އެވެ.

އެގޮތުން، ނިމުނު ސެޕްޓެމްބަރު މަހު 199 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 315 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ އިނގެރޭސިވިލާތަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނަ އަށް ފަރަންސޭސިވިލާތެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓް ދަށްވުމުގެ ސަބަބުން ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ލިބުނު އާމްދަނީ ސެޕްޓެމްބަރު 59 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 292 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބުނީ 119 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް