ޗަކަ، ޗަކަ، ވަޅުގަނޑަކަށް ޗަކަ، ގޮސް ކައްސާލީ!

ފޮޓޯ/ ރައީސް އޮފީސް

މަތީގައިވާ ފޮޓޯއިން ތި ފެންނަނީ 2011 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޅ. ނައިފަރުގެ މަގުމަތީގައި ހެދިފައި އޮތް ބޮޑު ފެންގަނޑެއްގެ މަތިން ފުންމާލާ މަންޒަރެވެ. އެއީ މީގެ ނުވަ އަހަރު ކުރި އެވެ. ނަމަވެސް އަދިވެސް ވާރޭ ވެހޭ ދުވަހެއްގައި ނައިފަރުން ނަގަން ލިބޭނީ ހަމަ މީގެ ފޮޓޯއެކެވެ.

ނައިފަރުގެ މަގުތަކަކީ އަޑިގުޑަންތައް ގިނަ، ދުއްވާ އެއްޗެހި އުޅަނދުފަހަރު އުނދަގޫ މަގުތަކެކެވެ. ވިއްސާރަވެއްޖެ ނަމަ މަގުތަކުގައި ފެންބޮޑުވެ، ޗަކަ ހެދުމުގެ ސަބަބުން ކުރިމަތިވާ ތުރާތަކަކީ އެރަށުގެ ރައްޔިތުން ޒަމާނުއްސުރެ ތަހައްމަލު ކުރަމުން އަންނަ ކަމެކެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

އެރަށުން ވާހަކަ ދެއްކި ޒުވާނަކު ކިޔައިދިން ގޮތުގައި، އެރަށު މަގުތަކުގެ އަޑިގުޑަންތަކާ ހެދި އެތައް ބަޔަކަށް އެކި ކަހަލަ ގެއްލުންވެފައި އެބަހުއްޓެވެ. މީހުންނަށް ހާނިއްކަވެފައި ވާއިރު، އަގުބޮޑު އުޅަނދުތަކަށް ވެސް ގެއްލުން ލިބިފައި އެބަހުއްޓެވެ.

"ވާރޭ ވެހި ފެންބޮޑުވީމަ ނޭނގޭ ވަޅުގަނޑު ހުންނަ ދިމާލެއް ވެސް. ދެން ގޮސް ވަޅުގަނޑަކަށް އެރި ކިތައް މީހުން ކަމެއް ނޭނގޭ ވެއްޓިފަ ހުންނާނީކީއެއް. ބައެއް މީހުންގެ އުނަގަނޑުގެ މައްސަލަތައް ވެސް ދިމާވެފަ އެބަހުރި މަގުގެ ސަބަބުން. އަހަރެއް ދެ އަހަރެއް ތެރޭ ސައިކަލު އެބަ ހަލާކުވޭ،" އެ ޒުވާނާ ބުންޏެވެ.

މި މައްސަލަ ދިމާވަނީ ފެން ބޮޑުވުމުން އެކަންޏެއް ނޫނެވެ. ފެންގަނޑު ހިނދުމުން ވެސް ތުރާލަށް ނިމުމެއް ނާދެ އެވެ. ދެން މީހުން ކަހާލަނީ ޗަކަގަނޑުގެ ތެރެއަށެވެ. ތެދުވާއިރު ފާޑެއްގެ "މަޑް ބާތެއް" ހުންނަނީ ލިބިފަ އެވެ.

ނައިފަރަކީ ކައިރި އަތޮޅުތަކުން ވެސް ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެން ބޭނުންތަކަށް އެތައް ބަޔަކު އަންނަ ރަށެކެވެ. އެހެން ރަށްތަކުން އަންނަ މީހުންނަށް ވެސް ފެންނަން އޮންނަނީ ހާލު ދެރަ މަގުތަކެކެވެ. ހޮސްޕިޓަލާއި ސްކޫލު ހުންނަ މަގަކީ އާދަޔާ ހިލާފަށް ފެންބޮޑުވެ ޗަކަވާ މަގަކަށް ވުމުން، އެކަމުގެ އުނދަގުލާ އެމީހުންނަށް ވެސް ކުރިމަތިލާން ޖެހެ އެވެ.

ނައިފަރުގެ މަގެއް --- ފޮޓޯ/ ޝައިން ޔޫސުފް

ނައިފަރުގެ މަގުތައް ހަދައި ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު ވިދާޅުވި އެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ނައިފަރު ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ކާރިމްގެ ކެމްޕެއިން ލޯންޗުގައި ރައީސް ވިދާޅުވި ވާހަކައެކެވެ.

ނަމަވެސް އަދިވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. މަގުތަކުގެ މަސައްކަތް ނުފެށިގެން އުޅެނީ އެރަށު ނަރުދަމާގެ މަސައްކަތް ނުނިމޭތީ އެވެ.

މަގުތަކުގެ މައްސަލައިގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޝިޔާމް މިއަދު ވިދާޅުވީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ސަރުކާރުން ހުއްޓުވީ 85 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ކަމަށެވެ.

ނައިފަރު މަގެއް މަތީގައި ފެން ބޮޑުވެފައި -- ފޮޓޯ: ކިޔުންތެރިއެއް

މަސައްކަތް ހުއްޓުވީވެސް އިތުރު އެއްވެސް ގޮތެއް ހޯދައިނުދީ ކަމަށާއި މަސައްކަތް އަލުން ފަށަން ދެ ފަހަރެއްގެ މަތިން ތާރީހެއް ކަނޑައެޅި ނަމަވެސް، މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

"މީ ނައިފަރު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް. ނައިގަރު މަގުތައް އޯކޭއެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.

މީގެ ކުރިން، 2017 ވަނަ އަހަރު ނައިފަރުގެ މަގުތަކުގެ އަޑިގުޑަން ފިލުވަން މަގުތައް އެއްވަރު ކުރިއެވެ. ނަމަވެސް މިހާރު މަގުތައް އޮތީ ވަރަށް ހާލުގަ އެވެ.

2017 ވަނަ އަހަރު ނައިފަރުގެ މަގުތައް އެއްވަރުކުރުން --

މި ހަފްތާ ނައިފަރަށް ވެހެން ފެށި ވާރެއާއެކު އެރަށުގެ ރައްޔިތުންނަށް އަނެއްކާ މިވަނީ އުނދަގުލާ ކުރިމަތިލާންޖެހިފަ އެވެ. އެއާއެކު އެރަށު ޒުވާނުން މިވަނީ މަގުތަކުގެ މައްސަލައިގައި އަޑުއުފުލަން ފަށައިފަ އެވެ. އެމީހުން އަހާ ސުވާލަކީ "ނައިފަރު މަގުތައް އޯކޭތަ؟" އެވެ. އެއީ ރޯޑް ވާދިނަސް ނުހައްދައިގެން ޖޫރިމަނާ ކުރަންޖޭ ވަރުގެ މަގުތަކެއްތޯ އެވެ.

މަގުތަކުގެ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދިނުމަށް އެދި، އެރަށުގެ ޒުވާނުން މިއަދު ވަނީ ސައިކަލުތަކުގައި ހަމަ އެ މަގުތައް މަތީގައި އިހުތިޖާޖުކޮށްފަ އެވެ. ހެދިފައިވާ ފެންގަނޑާއި ޗަކަތަކުގެ ތެރެއިން ދުއްވަމުން އެމީހުން ކުރަމުން ދިޔައީ ހަމަ އެ ސުވާލެވެ.

މަގުތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި މިއަދު ނައިފަރުގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން --

"މިއީ ސިޔާސީ ހަރަކާތެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް ހައްލެއް ހޯދައިދިނުން. މިވަގުތަށް ނަމަވެސް ހައްލެއް ހޯދައިދިނުން،" އެރަށުން ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

އެރަށު ރައްޔިތުން މިއަދު އެދެމުން އަންނަނީ މަގުތައް ހަދަން އެހާ ދުވަސް ނަގާނަމަ، މަގުތައް އަލުން އެއްވަރުކޮށްލަ ދިނުމަށެވެ. އެމީހުންނަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދިނުމަށެވެ.

މަގުތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި މިއަދު ނައިފަރުގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން --

ފުޓުބޯޅަ ދަނޑުތައް އަޅައިދިން ނަމަވެސް އެމީހުންނަށް "ކުޅިވަރު ކުޅެވޭނީވެސް އުނުގަނޑު ސަލާމަތުން ހުރެގެން" ކަމަށް ނައިފަރު މީހުން ބުނެ އެވެ. ޗަކަ ވަޅަކީ އުތުރުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ނައިފަރަށް ހައްގު މިންވަރު ނޫން ކަމަށް އެ މީހުން ދެކެ އެވެ.

comment ކޮމެންޓް