ގައުމީ ތަފާސްހިސާބުގެ ދުވަހަކީ އޮކްޓޫބަރު 20 ކަމުގައި ކަނޑައަޅައިފި

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ، ގައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހު އެގޮތަށް ކަނޑައެޅުއްވީ ގައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެމަނިކުފާނަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުއެވެ.

ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހަކީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބައިނަލްއަގުވާމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންގެންދާ ދުވަހަކެވެ.

ގައުމީ ފެންވަރުގައި ތަފާސްހިސާބުގެ ދުވަހެއް ފާހަގަކުރުމާ ގުޅޭގޮތުން ކަރުދާސް ހުށަހަޅުއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ވަކި ދުވަހެއް ކަނޑައެޅުމުގެ ބޭނުމަކީ ރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވާ، ތަރައްގީކުރުމަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން ފާހަގަކުރުން ކަމަށެވެ.

ހަމައެއާއެކު ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކާ އާންމު ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

މިދުވަހާއި ގުޅޭގޮތުން އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ގައުމުތަކުގެ އެންމެ އިސްވެރިންނަށް ގޮވާލާފައިވަނީ މިދުވަސް ފާހަގަކުރުމުގައި ގައުމުތަކުގެ ސަރުކާރާއި، ދައުލަތުގެ ރަސްމީ ތަފާސްހިސާބު ނަގާބަލަހައްޓާ ހުރިހާ މުއައްސަސާތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، މަދަނީ ޖަމިއްޔާތަކާއި މީޑިއާ، އަދި ރިސާޗަރުން ވެސް ބައިވެރިވެ، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ތަފާސްހިސާބުގެ ބޭނުންތެރިކަން ފާހަގަކުރުމަށެވެ.

comment ކޮމެންޓް