މި ވާ ގޮތެއް އެބަ އެނގޭތޯއެވެ؟

ރިލްވާން، އަފްރާޝީމް އަދި ޔާމީން:

މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހަކީ، ޑރ. އަފްރާޝީމް ޢަލީ ޝަހީދު ކޮށްލެވުނުތާ އަށް އަހަރު ފުރުނު ދުވަހެވެ. ދައުލަތުގެ އެއްވެސް ވެރިޔަކު ފޮތިގަނޑު ހިއްޕަވައިގެން، އެމަނިކުފާނަށާއި، ނިހާއީ އަނިޔާގެ ޝިކާރަޔަކަށް ހަދައިލެވުނު ލޮބުވެތި ޢާއިލާޔަށް އިންޞާފު ނުލިބި ލަސް ވާތީ ކަންބޮޑުވުން ފައުޅު ކުރައްވާން ނުކުމެވަޑައިގަތް މަންޒަރެއް ނުފެނެއެވެ. ތެދުފުޅެކެވެ! ދެހާސް ތޭރަ ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށް ސާބިތު ވެގެން ޙުސައިން ހުމާމުގެ މައްޗަށް މަރުގެ ޙުކުމް ވަނީ އިއްވިފައެވެ. ނަމަވެސް އެ ޙުކުމް ތަންފީޛު ކުރުން ކޮބައިތޯއެވެ؟ އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ތަންތަނުން ބުނާ ގޮތަށް ހުމާމުގެ ޝަރީޢަތަކީ ބޭއިންޞާފު ޝަރީޢަތެއް ކަމަށް ވަނީ ނަމަ، ޙަޤީޤީ ޤާތިލު ހޯދައި، ޙަޤީޤީ ޤާތިލަށް ޙައްޤު އަދަބު ދިނުމަށް ޓަކައި ހިންގޭ "އިންޞާފުވެރި" ތަޙުޤީޤާއި ޝަރީޢަތް ކޮބައިތޯއެވެ؟ ޑރ. އަފްރާޝީމް ޝަހީދު ކޮށްލުމުގެ ރޭވުންތައް ރޭވި މީހުން ކޮބައިތޯއެވެ؟ އެމީހުންނާ މެދު ހިންގާން ޖެހޭ ތަޙުޤީޤުތަކާއި ކުރާން ޖެހޭ ޝަރީޢަތްތައް ކުރެވޭނީ ކޮން އިރަކުންތޯއެވެ؟ މި ސުވާލުތަކަށް އެކަށީގެންވާ ފަދަ ޖަވާބުތަކެއް ނުލިބޭހައި ހިނދަކު، ޑރ. އަފްރާޝީމަށް އިންޞާފު ލިބުނު ކަމަށް ޤަބޫލު ކުރެވިދާނެތޯއެވެ؟

ޝަހީދު ޑރ. އަފްރާޝީމް ޢަލީ އަވަހާރަ ކޮށްލުމުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، ނުޙައްޤުން މަރައިލެވިފައި ވާ ބައެއް މީހުންނާއި ގެއްލިފައި ވާ މީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދުމަށް ޓަކައި ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ކޮމިޝަން އުފެއްދެވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ފުރަތަމަ ރިޔާސީ ނިންމެވުންތަކުގެ ތެރެއިން އެއް ނިންމެވުމެވެ. ނަމަވެސް އެ ކޮމިޝަން އުފެދުމާ އެކުއެކުގައި ސާފު ވެގެން ދިޔަ ކަމަކީ އެ ކޮމިޝަނުގެ ވަސީލަތުން އިންޞާފާ ހަމަޔަށް ވާޞިލު ނުވެވޭނެކަމެވެ. މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ، އެ ކޮމިޝަން އުފެއްދެވުމާއި ކޮމިޝަނަށް ބާރުތައް ދެއްވެވުން ފަދަ ކަންކަން ހިނގައިގެން ދިޔައީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް – އެހެންކަމުން ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ގޮތެއްގައި – ކަމެވެ. ދިވެހިރާއްޖޭގައި ޤާނޫނުއަސާސީގެ ޙުކުމް – ޤާނޫނުގެ ޙުކުމް – ހިނގާ ނަމަ، އެ ކޮމިޝަނުގެ ތަޙުޤީޤުތަކުގެ މައްޗަށް އެއްވެސް ޝަރުޢީ އިޖުރާއާތެއް ބިނާ ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ދެވަނަ ސަބަބަކީ އެ ކޮމިޝަނަށް ލެއްވެވި މެންބަރުންނެވެ. ފަންނީ ފެންވަރު ބެލުމުގެ ތަރާދާއި، ނަޒާހަތްތެރިކަމާއި ވަކި ފަރާތަކަށް ނުޖެހި އަދި ތަޢައްޞުބެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރިތޯ ބެލުމުގެ ތަރާދުން ކިރައިލުމުން، ފާސް ވާ ހަމަ އެއްވެސް މެންބަރަކު އެ ކޮމިޝަނުގައި ނެތެވެ. އާޚިރުގައި ކަން ވެގެން ދިޔައީ، އެންމެ ފުރަތަމަ ވެސް ޤަބޫލު ކުރެވުނު ގޮތަށެވެ. އިންޞާފަށް ވާޞިލު ވުމުގައި ކޮމިޝަނަށް އެއްވެސް ކަހަލަ ކާމިޔާބެއް ނުހޯދުނެވެ. https://avas.mv/74714 ނޫސްވެރިޔާ އަޙުމަދު ޙަމީދު އާދަމުގެ ބަހުން ދަންނަވާ ނަމަ، "އިންޞާފަށް ވާޞިލު ނުވެވި މަރު ކޮމިޝަން މަރު ވީ" އެވެ.

ޝަހީދު ޑރ. އަފްރާޝީމް ޢަލީގެ ފުރާނަފުޅާއި ލެއިފޮދުގެ އަގަކީ ކޮބައިތޯއެވެ؟

މި ސުވާލު ކުރާން ޖެހެނީ، އެމަނިކުފާނުގެ ފުރާނަފުޅެކޭ އެއްފަދައިން ނުޙައްޤުން ނިގުޅައިގަނެވުނު އެހެން ދެ ފުރާނައެއްގެ – އެމަނިކުފާނުގެ ލެއިފޮދެކޭ އެއްފަދައިން އޮހޮރައިލެވުނު އެހެން ދެ ލެޔެއްގެ – އަގު މިއަދުގެ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުގެ ބާޒާރުގައި މާ ބޮޑު ކަމަށް، ފެންނަ ބައެއް މަންޒަރުތަކުން މާނަ ކުރެވޭތީއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނީ 2014 ގައެވެ. ޑރ. އަފްރާޝީމް ޝަހީދު ކޮށްލެވުނުތާ ދެ އަހަރެއް ފަހުންނެވެ. ބްލޮގަރ ޔާމީން ރަޝީދު މަރައިލެވުނީ 2017 ވަނަ އަހަރުއެވެ. ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެއްކަލަ "މަރު ކޮމިޝަން"ގެ މަސައްކަތްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މި ދެ ޒުވާނުންގެ ވޭދަނައިގެ ޙަޤީޤަތް ހޯދުމެވެ. ނަމަވެސް ކޮމިޝަން "މަރު ވީ" މިއިން މައްސަލައެއްގައި ވެސް ޙަޤީޤަތާ ހަމަޔަށް ފުރިހަމަ މާނައިގައި ވާޞިލު ނުވެވިއެވެ. ޝައްކެއް ނެތެވެ! ރިޟްވާން ގެއްލުވައިލެވުނީ، އަދި މަރައިލެވިފައި ވާނަމަ މަރައިލެވުނީ، ނުޙައްޤުންނެވެ. ހަމައެހެންމެ، ޔާމީން ރަޝީދު މަރައިލެވުނީ ވެސް ނުޙައްޤުންނެވެ. އެ ދެ ޒުވާނުންނަށާއި، އެމީހުންގެ ލޮބުވެތި ޢާއިލާތަކަށް އިންޞާފު ހޯދައިދޭން ޖެހެއެވެ. އެކަން އަވަސް ކުރާން ޖެހެއެވެ. އެމީހުންނާ މެދު އަނިޔާވެރި ވި ބަޔަކު ހޯދައި، ފުރިހަމަ ތަޙުޤީޤަކުން އެކަމުގެ ހުރިހައި ޙަޤީޤަތްތަކެއް ތިލަ ކޮށް، އިންޞާފުވެރި އަދި އަވަސް ޝަރީޢަތަކުން، އެ ބަޔަކުގެ މައްޗަށް ޙައްޤު އަދަބު ދޭން ޖެހެއެވެ. ފަނޑިޔާރުންގެ ނިޔާއަކީ އެމީހުންނަށް މަރުގެ އަދަބު ދިނުން ކަމުގައި ވެއްޖެއްޔާ، އިންސާނީ ލެޔާއި ފުރާނަޔަށް ޙުރުމަތެއް ނުބަހައްޓާ ކޮންމެ މީހަކަށް ޢިބުރަތެއް ކަމުގައި ވާނޭ ބީދައިން ޤާތިލުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރާން ވެސް ޖެހެއެވެ.

ދިވެހި މުވާޠިނެއް އަދި މުސްލިމެއްގެ ޙައިޘިއްޔަތުން، ރިޟްވާނާއި ޔާމީނުގެ ޤާތިލުންނަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށާއި، މަޢާފުގެ ޚިޔާރު އެމީހުންގެ މައްސަލައިގައި ނަގައިގެން ނުވާނެ ކަމަށް އަޅުގަނޑު ދެކޭ ޚާއްޞަ ސަބަބެއް ވެސް ދަންނަވައިލާ ހިތް ވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރިޟްވާނާއި ޔާމީން ރަޝީދަށް ޙަމަލާ ދީފައި ވަނީ – މިހައިތަނަށް އެނގިފައި ވާ ކަންކަމަށް ބުރަ ވެ ދަންނަވާ ނަމަ – އެ ދެ ޒުވާނުން އިސްލާމް ދީނަށް ބަދުބަސް ބުނެ، ދީނާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ބަލައިގެންނެވެ. އަދި އެ ދެ ޒުވާނުންނަށް ޙަމަލަ ދިނީ، ތިމައުރެން މި ކުރާ ކަންތައްތަކަކީ އިސްލާމް ދީނުގެ ޙިމާޔަތުގައި ކުރާ ކަމެއް ކަމަށް ޤަބޫލު ކޮށްގެން ތިބި ބައެކެވެ. އެބަޔެއްގެ ވިސްނުމުގައި، އިސްލާމް ދީނަށް "ނަޞްރު ދިން" ބައެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ އެ ބަޔަކާ މެދު ޝަރީޢަތާއި ޤާނޫނު ހުއްދަ ކުރާ އެންމެ ގަދަފަދަ އަދި އެންމެ ހަރުކަށި އަދަބު ތަންފީޛު ކުރާން ޖެހޭ މައިގަނޑު ސަބަބެވެ. އެހެނީ، އިސްލާމް ދީނަކީ އިންސާނިއްޔަތުކަމާއި އިންސާނީވަންތަކަމުގެ ދީނެވެ. ރަޙްމަތުގެ ދީނެވެ. އިސްލާމް ދީން އައީ މީސްތަކުންނަށް ތެދުމަގު ދެއްކުމަށެވެ. ދުނިޔެއިން އަނިޔާ އާއި ބޭއިންޞާފާއި ޡުލްމު ނައްތައިލުމަށެވެ. އިސްލާމް ދީނަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ބުއްދިޔާއި ޟަމީރުގެ މައްޗަށް މިނިވަންކަމާ އެކު ދިރިއުޅުމުގެ މަގު ކޮށައިދިނުމަށް ޓަކައި އައި ދީނެވެ. އިސްލާމް ދީނުގެ ރަޙްމަތުގެ ހިޔާވަހިކަން އޮތީ ހަމައެކަނި މުސްލިމުންނަކަށް ނޫނެވެ. މުޅި އިންސާނިއްޔަތަށެވެ. އިސްލާމް ދީން ފިރްޢައުނާ ވެސް ކުރިމަތި ލެއްވެވީ އޯގާވެރިކަމާ އެކުގައެވެ. އިސްލާމް ދީން އައީ، ބާޠިލު ދީންތަކުގެ ބުދުފައްޅިތަކުގައި އެ ދީންތަކުގެ ބާޠިލު ކަލާނގެތަކުގެ ހިލައިގެ ފައިތިލަދޮށަށް އިންސާނުން ކަތިލައި އިންސާނުންގެ ލެއިން އެ ބުދުތައް ދޮންނަމުން ދިޔަދިޔުން ހުއްޓުވައި، ކޮންމެ އިންސާނެއްގެ މެ ފުރާނަޔާއި ލެޔާއި މުދަލާއި އަބުރާއި ޢާއިލާޔަށް ރައްކައުތެރިކަން ހޯދައިދިނުމަށް ޓަކައެވެ. އިސްލާމް ދީނަށް ފާޑު ކިޔާ މީހުން ވެސް، މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލައި ހަނގުރާމަ ނުފަށާ ނަމަ، ނުވަތަ ހަނގުރާމަޔާއި ލެއި އޮހޮރުވުމަށް ގޮވައިލައި ޢަމަލީ ގޮތުން އެކަމަށް މަގު ހުޅުވުމަށް މަސައްކަތް ނުކުރާ ނަމަ، އެމީހުންގެ ފުރާނަޔާއި ހަށިގަނޑަށް ހާނީއްކަ ކޮށް، ޢާއިލާއަށް ގެއްލުން ދީހެދުމަކީ އިސްލާމް ދީން މަނާ ކުރާ ކަމެކެވެ. އެހެންކަމުން، އިސްލާމް ދީނުގެ ނަމުގައި، އިސްލާމް ދީން ޙިމާޔަތް ކުރަނީއޭ ކިޔައިގެން ގޮސް މީހުން ކަތިލައި، މަރައި، ލެއި އޮހޮރުވައި ހަދާ މީހުންނަކީ އިސްލާމީ އުއްމަތަށް ޖެހިފައި ވާ އެންމެ ބޮޑު ދެ ކެންސަރުގެ ތެރެއިން އެއް ކެންސަރެވެ. މިފަދަ މީހުންނަށް ޙައްޤު އަދަބު ދިނުމަކީ އިސްލާމީ ދައުލަތްތަކާއި މުސްލިމް އުއްމަތުގެ އެންމެ މަތީ މަޞްލަޙަތު މިއަދު ނިޔާ ކުރާ ކަމެކެވެ. މިފަދަ މީހުންގެ ސަބަބުން އިސްލާމް ދީނާއި މުސްލިމް އުއްމަތަށް ލިބެމުންދާ ހުތުރު ނަމާއި ބަދުނާމު ހުއްޓުވުމަށް ޓަކައި، އެފަދަ މީހުންގެ ނުބައި ވިހައިން އިސްލާމީ އުއްމަތް ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އޮތް އެންމެ މުހިއްމު އެއް މަސައްކަތެވެ. ހިންދޫން "ކާލީމާ" ގެ ފައިދޮށަށް ދުޝްމަނުންގެ ލެއި "ހަދިޔާ ކުރާ" ފަދައިން، އިސްލާމް ދީނުގެ ދުޝްމަނުންގެ ލެއިން ދީން ޢިއްޒަތްތެރި ކުރާން ޖެހޭ ކަމަށް ޤަބޫލު ކުރާ ބަޔަކީ މުސްލިމުންނެއް ނޫނެވެ. އެއީ އިސްލާމް ދީނުގެ އެންމެ އަސާސީ ފިކުރު ވެސް ނުދަންނަ ޖާހިލުންނެވެ. އެފަދަ މީހުންނަށް ޙައްޤު ވެގެން ވަނީ ހަރުކަށި އަދަބެވެ. ރިޟްވާނާއި ޔާމީން އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގައި ވިޔަސް – އެކަމަށް ކުރެވޭ ތުހުމަތުތަކަކީ ތެދު ކަމުގައި ވިޔަސް – އެއިގެ ބަދަލުގައި އެމީހުންނަށް އަނިޔާ ކުރުމަކީ، އަދި އެމީހުންގެ ފުރާނަޔަށް އަރައިގަތުމަކީ އެއްވެސް ގޮތަކުން ހުއްދަ ކުރެވޭނެ، އަދި ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ، އެ ދެ ޒުވާނުން މަރައިލީ "އިސްލާމް ދީނަށް" ނަޞުރު ދިނުމަށޭ ކިޔައިގެން އުޅޭ ބަޔަކު ކަމުގައި ވަނީވިއްޔާ، އެ ބަޔަކަށް އެއްވެސް ލުޔެއް ނުވަތަ އެއްވެސް މަޢާފެއް ޙައްޤެއް ނޫނެވެ.

އެހެންކަމާ އެކުގައިމެ، ރިޟްވާނާއި ޔާމީނުގެ ފުރާނަޔާއި ލެޔަށް ވުރެ، ޑރ. އަފްރާޝީމުގެ ފުރާނަފުޅާއި ލެއިފޮދުގެ އަގު ދަށް ވީމާ، އެކަން ބަލައެއްނުގަނެވޭނެ، އެހެން ނޫންތޯއެވެ؟

ޕަބްލިކް ސަރވިސް މީޑިޔާގެ ވެބްސައިޓުގައި މިދިޔަ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު ޝާއިޢު ކުރި https://psmnews.mv/72942 މި ޚަބަރުން، ރިޟްވާނު ގެއްލުވައިލިތާ 4 އަހަރު، އަދި ޔާމީން މަރައިލިތާ 2 އަހަރު ފުރުމާ ދިމާ ކޮށް ބޭއްވުނު "އިންޞާފަށް ހިނގައިލުމުގައި" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ކުރީގައި ހުންނަވައިގެން ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަންނަވާނެއެވެ. ހަމަ މި ޚަބަރުން، އެ ތާރީޚުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަމިއްލަ އަތްޕުޅުން ލިޔުއްވައި ޓުވީޓަކާ އެކު ހާމަ ކުރެއްވި ނޯޓެއް ވެސް ފެނިވަޑައިގަންނަވާނެއެވެ. އެ ނޯޓުގައި ލިޔުއްވައިފައި ވަނީ ރިޟްވާނަށް އިންޞާފު ނުލިބި ލަސް ވާތީ އެމަނިކުފާނު ކަންބޮޑު ވެވަޑައިގަންނަވާ ވާހަކަޔާއި، ރިޟްވާނުގެ މައްސަލައިގެ ޙަޤީޤަތް ހޯދުމަށް ޓަކައި، ތަޙްޤީޤު ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ހިމެނުމަށް މަސައްކަތް ކުރައްވާ ވާހަކައެވެ. https://pbs.twimg.com/media/D42KZ8wUEAE7shj.jpgމި ޞަފުޙާއިން ފެނިވަޑައިގަންނަވާ ފޮޓޯއިން، ދިވެހިރާއްޖޭގެ ޤާނޫނީ މުއާޚާތުގެ އެންމެ އިސް އެއް މެންބަރު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ގޮނޑިއެއްގައި މިހާރު އިށީނދެވަޑައިގަންނަވާ އަލްއުސްތާޛު ޙުސްނުއްސުޢޫދު، "އިންޞާފަށް ހިނގައިލުމުގެ" ޙަރަކާތުގައި އިސްކޮށް ހުންނަވާ މަންޒަރު ފެނިވަޑައިގަންނަވާނެއެވެ.

ޝަހީދު ޑރ. އަފްރާޝީމަށް އިންޞާފު ނުލިބިގެން، ރައީސުލްޖުމްހޫރިއްޔާ ފޮތިގަނޑު ހިއްޕަވައިގެން މަގުމައްޗަށް ނުކުމެވަޑައިނުގަންނަވަނީ ކީއްވެގެންތޯއެވެ؟ އަފްރާޝީމުގެ މައްސަލައިގައި ކަންބޮޑު ވެވަޑައިގެން އަމިއްލަ އަތްޕުޅުން ލިޔުއްވަވައިގެން ނޯޓުތައް ޓުވީޓު ނުކުރައްވަވަނީ ކީއްވެގެންތޯއެވެ؟ ދިވެހި ޤައުމުގެ ވަލިއްޔުލްއަމްރުގެ ޙައިޘިއްޔަތުގައި ހުންނަވައިގެން، އަނިޔާވެރި ގޮތެއްގައި ނިގުޅައިގަނެވުނު ދިވެހި ފުރާނަތަކުގެ ތެރެއިން ވަކި ފުރާނައެއް ނުވަތަ ވަކި ފުރާނަތަކަކާ މެދު މާބޮޑަށް އެމަނިކުފާނު ދެރަފުޅު ވާކަމަށް ދޭހަ ވާނޭ ބާވަތުގެ ޢަމަލުތަކެއް ކުރެއްވުން ޖާއިޒު ވާނެތޯއެވެ؟ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. މިނިވަންކަމާއި މުސްތަޤިއްލުކަމުގެ ނަމޫނާއެއް ދައްކާން ޖެހޭ "ޤާނޫނީ ޕްރޮފެޝަނުގެ" އެންމެ ސީނިއަރ އެއް މެންބަރު، މަރައިލެވިފައި ވާ ވަކި މީހެއް ނުވަތަ ވަކި ބައެއްގެ ޙައްޤުގައި ބާއްވާ ހިނގައިލުންތަކުގެ ކުރީ ސަފުގައި ހުންނެވުން އެއީ ހަމަ ރަނގަޅު ގޮތްތޯއެވެ؟ މިހެން ދެންނެވީމާ، ޑރ. އަފްރާޝީމަށް އިންޞާފު ހޯދައިދިނުން އެދި ހިނގައިލުމެއް ބަޔަކު ނުބާއްވައެއް ނޫންހެއްޔޭ، މި ސުވާލު ބައެއް ބެއިފުޅުން ކުރައްވައިފާނެއެވެ. އަޅުގަނޑުގެ ފުރަތަމަ އީޖާބަކީ، އެފަދަ ހިނގައިލުމެއް އިންތިޒާމު ނުކުރެވެނީ، ޑރ. އަފްރާޝީމުގެ ފުރާނަފުޅާއި ލެއިފޮދުގެ އަގު ދަށް ވީމާ ހެއްޔޭ، މި ސުވާލެވެ. ދެވަނަ އީޖާބަކީ، ރައީސުލްޖުމްހޫރިއްޔާ އާއި އަލްއުސްތާޛު ޙުސްނުއްސުޢޫދާ ދެ ބެއިފުޅުން ރިޟްވާނާއި ޔާމީނުގެ ޙައްޤުގައި ހިނގައިލުންތަކުގެ ކުރީސަފުގައި ބައިވެރި ވެވަޑައިގަންނަވާ އިރު، އަފްރާޝީމްގެ ޙައްޤުގައި އެފަދަ ޙަރަކާތެއް ބަޔަކު ލައްވައި ވެސް އިންތިޒާމު ކޮށްލައްވާން އެ ބެއިފުޅުންގެ ހިތްޕުޅަށް ނާރަނީ ކީއްވެގެންތޯއޭ، މި ސުވާލެވެ.

ބަޙުޘެއް ނެތެވެ. ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރާއި، ދިވެހިރާއްޖޭގެ ސިޔާސީ އިސް ލީޑަރުންނާއި، ޤާނޫނީ ޕްރޮފެޝަން ފަދަ ޕްރޮފެޝަންތަކުގެ އިސް ބެއިފުޅުން، ޤައުމުގައި ނުޙައްޤުން މަރައިލެވޭ މީހުން ކުރެ ބައެއް މީހުންގެ ޙައްޤުގައި ހިނގައިލުންތަކުގައި ބައިވެރިވެ، އަތުން ލިޔެގެން ނޯޓުތައް ޓުވީޓު ކޮށް ހެދުމުން، އެއިން ދޭހަ ވާނެ އެއް މާނަޔަކީ، "ހުރިހައި ފުރާނަތަކުގެ އަގު އެއްވަރެއް ނޫނޭ" މިއެވެ. އަނެއް މާނަޔަކީ، ވަކި ކަންތައްތަކަކުން ނާޖާއިޒު ސިޔާސީ ފައިދާ ނަންގަވާން އުޅުއްވާކަމުގެ މާނައެވެ.

ކޮންމެ ފުރާނަޔަކީ ވެސް ﷲގެ މިލްކެކެވެ. އެއްވެސް ފުރާނަޔަކަށް، އަދި އެއްވެސް ލެޔަކަށް، އަޅުގަނޑުމެންނަށް އަގެއް ކަނޑައެއްނޭޅޭނެއެވެ. ފުރާނައެއްގެ ގޮތުގައި، ޑރ. އަފްރާޝީމުގެ ފުރާނަފުޅެކޭ، ރިޟްވާން ނުވަތަ ޔާމީނުގެ ފުރާނައެކޭ ތަފާތެއް ނެތެވެ. ނަމަވެސް ޤައުމީ ނަޒަރުން ބަލާ އިރު، ޑރ. އަފްރާޝީމް ޝަހީދު ކޮށްލެވުމުން ދިވެހި ޤައުމަށް ލިބުނު ދެރަޔާއި ނިކަމެތިކަން މާ ބޮޑުކަން ވެސް އެއީ ޙަޤީޤަތެކެވެ. މިދިޔަ އަހަރުތަކުގައި ރާއްޖޭގައި އުފެދުނު މަދު ދީނީ ޢިލްމުވެރީން ކުރެ، އެމަނިކުފާނަކީ ޚާއްޞަ ބެއިފުޅެކެވެ. އެމަނިކުފާނަކީ، އިސްލާމް ދީނުގެ ނަމުގައި އިސްލާމް ދީނާ ވަރަށް ދުރުހެލި އަދި ވަރަށް ގިނަ ގޮތްގޮތުން ޙައްދުފަހަނައަޅައި ގޮސްފައި ވާ މަޛުހަބެއްގެ ފިކުރުތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވިހައެއް ފަދައިން ފެތުރެމުން ދިޔަ ދަނޑިވަޅެއްގައި، ދީނުގެ ޙަޤީޤީ ތަޢުލީމު ފެތުރުއްވުމުގައި ހިތްވަރާއި ޢަޒުމާ އެކު ތެދުވެވަޑައިގަތް މުޖާހިދެކެވެ. ޙަޤީޤި ޢިލްމުވެރިޔެކެވެ. ޢިލްމުވެރިޔެއްގެ ޙައިޘިއްޔަތުންނާއި، އުސްތާޛެއްގެ ޙައިޘިއްޔަތުންނާއި، ޤާނޫނު ހަދާ މަޖިލިހުގެ މެންބަރެއްގެ ޙައިޘިއްޔަތުން، މި ދެއްކި ވާހަކައިގައި އެ މީހެއްގެ ނަން ގަނެވުނު އެހެން އެކަކު ވެސް ދިވެހި ޤައުމަށް ނުކުރާ ފަދަ ޚިދުމަތް ކުރެއްވެވި ބެއިފުޅެކެވެ. އިތުރު ކަމަކަށް ބަލާ ނަމަ، އެމަނިކުފާނު ޝަހީދު ކޮށްލެވުމުން ބިކަ ވެ ނިކަމެތި ވެގެން ދިޔަ ކުޑަކުޑަ ކުދީންކޮޅެއް ވެސް ތިއްބެވެ. މި ހުރިހައި ކަމަކަށް ވިސްނުމުން، "ޕޮލިޓިކަލީ ކަރެކްޓް" ވާން ނުއުޅެ ތެދަށް ވާހަކަ ދައްކައިގެން ބުނެވޭން އޮތް އެއްޗަކީ، ރައީސުލްޖުމްހޫރިއްޔާ އެއްވެސް އެއްޗެއް ވިދާޅުވާ ނަމަ ވިދާޅުވާން ވާނީ ޑރ. އަފްރާޝީމާ ބެހޭގޮތުން ކަމުގައެވެ. ނަމަވެސް ކަން ވަނީ އެހެންނެއް ނޫނެވެ. އަފްރާޝީމްގެ ފުރާނަފުޅު ގެއްލިދިޔަތާ އަށް އަހަރު ވީ ދުވަހު، ރައީސްގެ އަތްޕުޅުން ވިޔަސް، ރައީސްގެ ދޫފުޅުން ވިޔަސް، ރައީސްގެ ތަރުޖަމާނުގެ ދޫފުޅުން ވިޔަސް، އެއްވެސް މެސެޖެއް ނައެވެ.

ކީއްވެގެން ތޯއެވެ؟ ޝަހީދު ޑރ. އަފްރާޝީމުގެ ފުރާނަފުޅާއި ލެއިފޮދުގެ އަގު ހަމަ ދަށީ ހެއްޔެވެ؟

އަފްރާޝީމްގެ ފުރާނަފުޅާއި ލެއިފޮދުގެ އަގު ދަށް ނަމަ، އެހެން ވަނީ ކީއްވެގެން ހެއްޔޭ، މިއީ އަނެއް ސުވާލެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރައްވާ ބެއިފުޅެއް ކަމަށް އަމިއްލަފުޅަށް ވިދާޅުވާ ބެއިފުޅަކު، ރިޟްވާން ގެއްލުނު ހާދިސާޔަށް ހަ އަހަރު ފުރުމާ ދިމާކޮށް، https://drive.google.com/file/d/1EWkALmvZdTDToSDqdhvIAr13pJbYeEhc/view ފޮތެއް ވެސް ނެރުއްވައިފިއެވެ. "ގެއްލުވާލީ މަޢުޞޫމް ދިވެހި ދަރިއެއް" މި ނަމުގައެވެ. މިއީ ވެސް ހަމަ ރަނގަޅު ކަމެކެވެ. ރިޟްވާނާއި ޔާމީނަށް އިންޞާފު ނުލިބި ލަސް ވާ ނަމަ، އެ ވާހަކަ ވެސް ދައްކާން ވާނެއެވެ. އެކަމާ މެދު މަޒުމޫނާއި ފޮތް ވެސް ލިޔާން ވާނެއެވެ. އަޅުގަނޑަށް ދޭހަ ނުވާ ކަމަކީ، ޑރ. އަފްރާޝީމް އަވަހާރަ ކޮށްލެވުނުތާ އަށް އަހަރު ފުރުނު އިރު ވެސް، އެމަނިކުފާނުގެ ޙައްޤުގައި ފޮތެއް ލިޔުއްވާން މިފަދަ ބެއިފުޅުންނަށް ވަގުތު ނުވަނީ ކީއްވެގެން ކަމެވެ. ހަމަ، އަފްރާޝީމްގެ ފުރާނަފުޅާއި ލެއިފޮދުގެ އަގު ދަށް ވީމާ ތޯއެވެ؟ ދަށް ވަނީ ނަމަ، އެހެން ވަނީ ކީއްވެގެން ބާވައެވެ! އިސްލާމް ދީނުގެ ޢިލްމުވެރިޔަކަށް ވީތީ ބާވައެވެ! އެމަނިކުފާނަކީ ގެއްލިދިޔަ މަޢުޞޫމް ދިވެހި ދަރިޔަކަށް ނުވަނީ، އެމަނިކުފާނަކީ "ޓެރަރިސްޓުންގެ ދީނުގެ މުއްލާޔަކަށް" ވާތީ ބާވައެވެ!

comment ކޮމެންޓް