ލިވަޕޫލްގެ ލެޖެންޑް ފައުލާ އިންޑިއާގެ އީސްޓް ބެންގަލް ޓީމާ ހަވާލުވެއްޖެ

ލިވަޕޫލުގެ ކުރީގެ ފޯވާޑް ރޮބީ ފައުލާ: ފައުލާ ވަނީ އިންޑިއާގެ އީސްޓް ބެންގަލް ޓީމުގެ ކޯޗު ކަމާ ހަވާލުވެފައި ---

ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ހަތްވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ރޮބީ ފައުލާ، އިންޑިއަން ސުޕަ ލީގުގެ އީސްޓް ބެންގާލް ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

އިނގިރޭސި ލެޖެންޑް ފައުލާ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އީސްޓް ބެންގަލްގެ ކޯޗުކަމަށް ހަމަޖައްސާ، ކުރިއަށް އޮތް ދެ ސީޒަނުގައި ޓީމަށް އިރުޝާދު ދޭނެކަން ހާމަކޮށްފައި ވަނީ ޓީމުގެ އޯނަރު ހަރީ މޯހަން ބަންގުރް އެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ކުލަބުން މި ޙަބަރު ހާމަކުރި އިރު އިންޑިއަން ސުޕަ ލީގުގައި ވާދަކުރުމަށް ކުލަބުތަކުން ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ އެވެ. އެހެން ކަމުން ފައުލާއަށް މިހާރުން މިހާރަށްވެސް ޓީމާއެކު ފަރިތަކުރުންތަކަށް ނުކުންނަން އޮތީ ތައްޔާރަށް ކަމަށް ކުލަބުން ވަނީ ބުނެފަ އެވެ.

"މިއީ ދެ އަހަރުގެ ކޮންޓްރެކްޓެއް، އެކަމަކު މިއަށްވުރެން ދިގުލައިގެން ގޮސް، ކުލަބަށް ހުރިހާ ގޮތަކުން ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދެވޭނެ ފެންވަރުގެ ކޯޗެއް ފައުލާ އަކީ. އުންމީދަކީ ބެންގަލް ޓީމުގެ ޓްރޮފީ ކެބިނެޓް ފުރާލުން. ދުނިޔޭގެ އެންމެ މޮޅެތި ޓީމުގައި ކުޅެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ތަޖުރިބާ ހޯދައިގެން އޭނާ އެހުރީ،" އީސްޓް ބެންގަލްގެ އޯނަރު ހަރީ މޯހަން ބަންގުރް ބުނެފައިވެ އެވެ.

ލިވަޕޫލްގެ ޔޫތް އެކެޑެމީން ފެށިގެން އެކުލަބުގެ ލެޖެންޑެއްގެ ގޮތުގައި ޕްރޮފެޝަނަލް ފުޓުބޯޅަ ހަޔާތް ނިންމާލި ފައުލާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 163 ޖަހައި އެ ލީގުގެ ތާރީހުގައި ވެސް ހަތްވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ.

ފައުލާ، 45 ވަނީ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ލިވަޕޫލަށް ކުޅެފައެވެ. 1993 އިން 2001 ވަނަ އަހަރާއި ހަމައަށް އޭނާ ލިވަޕޫލަށް 236 މެޗުން 120 ގޯލް ޖަހައިދީފައި ވެއެވެ. ދެވަނަ ފަހަރަށް އެ ކްލަބަށް ދިޔައީ އެ ދޭތެރެއިން ލީޑްސް އާއި މެންޗެސްޓާ ސިޓީއަށް ކުޅުމަށްފަހު 2006 ވަނަ އަހަރުއެވެ. 2006-07 ސީޒަންގައި ފައުލާ ވަނީ ލިވަޕޫލަށް 30 މެޗު ކުޅެ އަށް ގޯލް ޖަހައިފަ އެވެ.

އެހެން ނަމަވެސް އޭނާ މިހާތަނަށް ކޯޗިންގް ކެރިއަރުގައި މާ ބޮޑެތި ކުލަބުތަކެއްގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެކަމަކު ފައުލާ އަކީ އޭޝިއާ ސަރަހައްދަށް އައު ކޯޗެއް ނޫނެވެ. ކޯޗެއްގެ ގޮތުގައި ފައުލާ ފުރަތަމަ 2011 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރީ ތައިލެންޑްގެ މުއަންގްތޯންގް ޔުނައިޓެޑް އެފްސީގައެވެ. އެ ކުލަބުގައި އޭނާ މަސައްކަތް ކުރީ ޕްލޭއާ ކޯޗެއްގެ ގޮތުގައެވެ.

އެއަށްފަހު ލިވަޕޫލްގެ ޔޫތް އެކެޑެމީގައި އަހަރުތަކެއް މަސައްކަތް ކުރުމަށްފަހު ފައުލާ ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާގެ ބްރިސްބޯންގެ ރޯރްގެ ކޯޗް ކަމުގައި އެއް އަހަރު ވަންދެން މަސައްކަތް ކޮށްފަ އެވެ.

comment ކޮމެންޓް