ބްރައިޓަން ބަލިކޮށް ތާވަލްގެ އެއްވަނައަށް ލިވަޕޫލް އަރައިފި

ލިވަޕޫލްގެ ދެލަނޑު ޖަހައިދިން މުހަންމަދު ސަލާހް އާއި ލުއިސް ޑިއާޒް / ފޮޓޯ: ދިސް އިޒް އެންފީލްޑް

އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރައިޓަން އެންޑް ހޯވު އެލްބިއަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ލިވަޕޫލް އަރައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް މިއާއެކުވެސް ބްރައިޓަންއަށް ބޯޅަ ލިބޭ ކޮންފެ ފަހަރަކު އެޓީމުންވަނީ ލިވަޕޫލަށް ނުރައްކާ ކޮށްފައެވެ.

މިމެޗުގެ ފެށުން ރަނގަޅުވީ ބްރައިޓަންގެއެވެ. މިގޮތުން މެޗުގެ ދެ ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑެނީ ވެލްބެކްއެވެ. މިލަނޑާއެކު ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް އެޓީމުން އުފައްދަމުންދިޔަ ހަމަލާތައް ނިންމާލުމުގައި ދިޔައީ ދަތިތަކާއި ކުރިމަތިވަމުންނެވެ. އަދި ދޭތެރެ ދޭތެރެއިން ބްރައިޓަންއިން އެޓީމުގެ ލީޑު ފުޅާކޮށްފާނެހެންވެސް ހީވެގެންދިޔައެވެ.

މިމެޗުގައި ލިވަޕޫލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ޖަހައިދިން ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލީޑު ފުޅާކުރާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ. މިމެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހައި އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 65 ވަނަ މިނެޓުގައި މުހަންމަދު ސަލާހްއެވެ.

މީގެއިތުރުން މެޗުގެ 73 ވަނަ މިނެޓުގައި ޑިއާޒް އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރެވުނު ކަމަށް ހީވި ނަމަވެސް ވީއޭއާރުން ބެލިއިރު އޭނާ ކުޑަކުޑަ ތަންކޮޅަކުން އޮފް ސައިޑް ވެފައިވާތީ އެލަނޑު ބަލައިގެންފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލުން މިހާރުވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 67 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރައިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ ދެޓީމު ކަމުގައިވާ އާސެނަލް އާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރު ވުމާއެކު ލިވަޕޫލަށް މިހާރުވަނީ ދެ ޕޮއިންޓްގެ ލީޑެއްވެސް ލިބިގެން ގޮސްފައެވެ. މިމެޗުން ބަލިވުމުން ބްރައިޓަން އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.

comment ކޮމެންޓް