ތ. ގުރައިދޫގެ ގެޔެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

ތ. ގުރައިދޫ ގެޔެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ނިވާލުމަސް އެ ރަށު ރައްޔިތުން ހަރަކާތްތެރިވަނީ.

ތ. ގުރައީދޫގެ ގެޔެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގެޔަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގުރައިދޫ ކައުންސިލު މެންބަރަކު ވިދާޅުވިގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ގާދިއްފުށީގެ ނަމަކަށް ކިޔާ ގެޔެއްގައި ކަމަށެވެ. އަދި އެ ހާދިސާއެއް ހިނގީ ހުކުރު ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 11:45 ގައި ރޯވީ. އޭރު އަޅުގަނޑުމެން ތިބީ ހުކުރަށް ގޮސް. ދެން ހުކުރުން ފައިބައިގެން އައި އިރު އަލިފާންގަނޑު ނިވާލާފައި އޮތީ. ފުލުހުންނާއި އާންމުން އެއްވެގެން ނިވާލީ. ނިވާލި އިރު މުޅި ގެ ވަނީ އަނދައިފައި އެތެރޭގައި ހުރި އެއްޗިއްސަށްދާންދެން، ބޭނުންނުކުރެވޭ ވަރަށް." ކައުންސިލް މެންބަރު ވިދާޅުވި އެވެ.

އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި ހޯދިފައި ނުވާއިރު އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

"ދެން ޖެހިގެން ހުރި ގޭގައި ހުރި ކުއްޖަކަށް ދުމުގެ އަސަރު ކުރި ކޮންމެވެސް ވަރަކަށް. އެހެންނޫންނަމަ އިރާދަކުރެއްވީތީ އެކަކަށްވެސް އަނިޔާއެއް ނުވޭ." ކައުންސިލް މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅިވީ އެ ގޭގައި ދިރިއުޅެމުން ދިޔައީ އަންހެނަކާއި އޭނާގެ ދަރިފުޅެވެ. އަދި އެގޭގެ ދިރިއުޅުނު މީހުން މިހާރު އެހެންތަނަކަށް ބަދަލުކުރުމަށްފަހު އެމީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

"ދެން ދާއިރާގެ މެންބަރުވެސް ވަރަށް ބޮޑަށް އެބަ ބައްލަވާ ހާލަތު އެމީހުންގެ. ހާދިސާގައި އަސަރު ކުރި ދެ މައިންނަށް ޒަރޫރީ ބޭނުންތަކަށް ފައިސާގެ އެހީގެ ގޮތުގައި 10،000 ރުފިޔާވެސް ވަނީ ފޯރުކޮށްދެއްވާފައި. އެހެންވީމާ އެބޭފުޅާގެ ދީލަތި އެހީވެސް ވަނީ ލިބިފައި." ކައުންސިލް މެންބަރު ވިދާޅުވި އެވެ.

comment ކޮމެންޓް