ރިލްވާން މައްސަލައިގައި ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި

ހަސަން އަލީ: ރިލްވާންގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަގަށް ނަގައި، ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން ދެއްކުމަށް ލިޔުންތަކެއް ތައްޔާރު ކުރި ކަމަށް ތުހުމަތު ކުރާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފަހުން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ހަސަން އަލީގެ ޕާސްޕޯޓް ހިފެހެއްޓިކަން މަރު ކޮމިޝަނުން ކަށަވަރުކޮށްދިނެވެ. މަރުކޮމިޝަނުން ބުނީ، އެނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރިލްވާންގެ މައްސަލައިގައި ކަމަށެވެ. އިތުރު ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.

މިދިޔަ އަހަރު ސެޕްޓޭމްބަރު މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރު އެކޮމިޝަނުން ބުނެފައިވަނީ، ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓފައިވާ ކަމަށެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮން ބައެއްގެ ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

އޭރު މަރުކޮމިޝަނުން ހަސަން އަލީއަށް ތުހުމަތުކޮށްފައިވަނީ އެނާ އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް ހުންނެވި ދުވަސްވަރު 2014 ވަނަ އަހަރު ރިލްވާން ގެއްލިފައި ވަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ދިޔަކަށް ދެއްކުމަށް ފުލުހުންގެ ދެ އިންޓެލިޖެންސް އޮފިސަރަކާ ގުޅިގެން ފޭކް ލިޔުމެއް ތައްޔާރު ކުރަން އުޅުމުގެ ތުހުމަތެވެ. އެ ލިޔުން ތައްުޔާރު ކުރުމަށް މަޝްވަރާތައް އޭނާ ކުރެއްވީ ފުލުހުންގެ އިންޓެލިޖެންސްގައި އޭރު މަސައްކަތް ކުރި ދެ ފުލުހަކާ ގުޅިގެން ކަމަށް މަރު ކޮމިޝަންގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ

އެ މައްސަލައިގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަސް ތެރޭ ޖޭއެސްސީން އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑް ވެސް ކުރި އެވެ. ފަހުން އެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފެށުމުން، އޭނާ ވަނީ އެ މައްސަލައިގައި ޖަވާބުދާރީނުވެ އަމިއްލަފުޅަށް އެ މަގާމުން މިދިޔަ ޖުލައި މަހު އިސްތިއުފާ ދެއްވާފަ އެވެ.

https://sun.mv/140350

މަރު ކޮމިޝަނުން ރިލްވާން މައްސަލައިގައި އާންމު ކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް އިންޓެލް ދެ ފުލުހަކު ހަސަން އަލީ ގާތު އެދުނު ކަމަށެވެ. އަދި އެގޮތަށް އެދުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ޖަވާބުގައި ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް އެދެމީހުން ބުނިކަމަށް އެ ރިޕޯޓުގައިވެ އެވެ.

ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުން ނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެކަން މަރު ކޮމިޝަނަށް އެނގިފައި ވަނީ ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

comment ކޮމެންޓް