އަތޮޅު ފެރީގެ ނިޒާމު ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެ އެންމެ ގިނަ ބަޔަކު އަތޮޅު ފެރީގެ ނިޒާމު ބޭނުންކޮށްފައި ވަނީ، ޒޯން ދޭއްގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ ޖުލައި މަހު 8،293 ފަސިންޖަރުން ވަނީ އެ ޒޯނުގެ ދަތުރުފަތުރުގެ ނިޒާމުގެ ބޭނުން ކޮށްފަ އެވެ.
ދަތުރުފަތުރުގެ ހިދުމަތްދޭ އެމްޓީސީސީ އާއި ހަވާލާދީ އެކުލަވާލާފައިވާ މި ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ދަތުރު ކުރީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯން އެކެއްގަ އެވެ. އެ ސަރަހައްދުން 5،951 ފަސިންޖަރުން ވަނީ ފެރީ ދަތުރުކޮށްފަ އެވެ.
ޒޯން ފަހެއްގައި ހިމެނޭ ތ އަދި ލ އަތޮޅުގައި 3،738 ފަސިންޖަރުން ފެރީ ދަތުރުކުރި އރު، މ އަދި ދ އަތޮޅު ހިމެނޭ ޒޯން ހަތަރެއްގައި 2،977 ފަސިންޖަރުން ޖުލައި މަހުގެ ތެރޭ ވަނީ ދަތުުރު ކޮށްފަ އެވެ. މީގެ އިތުރުން ޒޯން ތިނެއްގައި ހިމެނޭ އއ، އދ، ވ އަތޮޅުގެ 2،547 ފަސިންޖަރުން އިންޓަ އެޓޯލް އަދި އިންޓްރާ އެޓޯލް ފެރީގެ ހިދުމަތް ބޭނުންކުރި އިރު ޒޯން ހަޔެއްގަިއ ހިމެނީ ހުވަދު އަތޮޅުގެ ރައްޔިތުންގެ ތެރެއިން 2،503 މީހުން ވަނީ ފެރީ ހިދުމަތް ބޭނުން ކޮށްފައެެވެ.
ކޮވިޑް19 އާއެކު މާލެ އަށް އައިސް ރަށަށް ގޮސްވުމުގައި ދަތިތައް ހުރުމާއެކު އަތޮޅުތެރޭގައި ސިއްހީ ކަންކަމަށާއި އެނޫންވެސް ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ފެރީގެ ހިދުމަތް ބޭނުންކުރީ މާލެ އާއި ވިލިމާލެ އާއި ދެމެދު ދަތުރު ކުރުމަށެވެ. ޖުލައި މަހު 116،250 މީހަކު ވަނީ ވިލިމާލެ ފެރީ ގައި ދަތުރު ކޮށްފައެވެ. އެއީ ވިލިމާލެ އާއި މާލެ އާއި ދެމެދު އެވެ. މާލެ އާއި ވިލިމާލެ އާއި ދެމެދު 114،681 ފަސިންޖަރަކު ދަތުރު ކުރި ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.
ހުޅުމާލެ އެތެރޭގައި ދުއްވާ އެމްޓީސީސީގެ އެން1 އަދި އެން2 ބަހުގައި ދަތުރުކޮށްފައިވަނީ 1،507 މީހުންނެވެ.
ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ ބަހުން ޖުލައި މަހު 15،731 މީހުން ހިދުމަތް ލިބިގަނެފައިވެ އެވެ.
މީގެެ އިތުރުން ހުޅުމާލެ އާއި މާލެ އާއި ދެމެދު ދަތުރު ކުރާ ފެރީއިން 16،578 މީހަކު އަދި މާލެ އާއި ހުޅުމާލެ އާއި ދެމެދު ފެރީގައި 15،975 ފަސިންޖަރުން ދަތުރު ކޮށްފައިވެ އެވެ.
ހުޅުމާލެ އާއި މާލެ އާއި ދެމެދު ބްރިޖު އެޅިފަހުން ކަނޑުމަގުން ހުޅުމާލެ އާއި މާލެ އާއި ދެމެދު ދަތުރުކުރާ މީހުންގެ އަދަދު ނިސްބަތުން ވަނީ ބޮޑުތަން ދަށްވެފަ އެވެ.