ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންގެ ނިސްބަތް ބެލުމަށް އެންޓިބޮޑީގެ ދިރާސާއެއް ފަށަނީ

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބި މީހުންގެ ނިސްބަތް ބެލުމުގެ ގޮތުން ދިވެހިންގެ މެދުގައި އެންޓި ބޮޑީ ހުރިވަރުބަލަން ދިރާސާއެއް ހެދުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ޕަބްލިކް ހެލްތް އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ އެ އެންޓިބޮޑީގެ ދިރާސާ ކުރިއަށް ގެންދާނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން ކަމަށެވެ.

އެ ދިރާސާތައް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފެށުމަށް ރާވައިފައިވާކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

"އޮކްޓޫބަރު މަހު ފެށޭނެކަމަށް މިބެލެވެނީ. މުޅިން ފެށޭނެ ދުވަހެއް އަޅުގަނޑުމެންނަކަށް ނޭނގޭ." ޑރ. ޝީނާ ވިދާޅުވި އެވެ.

އެންޓިބޮޑީ ޓެސްޓާ ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ތެރެއިން ކޮވިޑަށް އިމިޔުންވެފައި ވަނީ ކިހާ އަދަދެއްގެ މީހުންތޯ ކަނޑައެޅޭނީ އެންޓިބޮޑީ ޓެސްޓް ވަރަށް ގިނަ އަދަދަކަށް ހަދައިގެން ކަމަށެެވެ.

"ސްޓަޑީ ޕްރޮޓޮކޯލް މިހާރު މިވަނީ ފާސްވެފައި. އެކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ލޮޖިސްޓިކް އެރޭންޖްމަންޓްގެ ކަންތައް މިހާރު ކުރިއަށްދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ ކުރިން އޭޑީކޭއިންވަނީ 3000 އެއްހާ މީހުންގެ އެންޓިބޮޑީ ޓެސްޓުތަކެއް ހަދައިފަ އެވެ. އެފަހަރު 125 މީހެއްގެ ގައިން ކޮވިޑްގެ އެންޓިބޮޑީ ފެނިފައިވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ބަލިޖެހި ރަނގަޅުވެފައި ތިބޭ މީހުންގެ ގައިން އެންޓިބޮޑީ ފެނުނަސް އެ އެންޓިބޮޑީޒްގެ އަސަރު ހަށިގަނޑުގައި ހުންނަނި ކިހާ ދުވަހެއް ވަންދެންކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް ޖެހޭ މީހުން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެގޮތުން އިއްޔެ 54 މީހުންނަށް ބަލިޖެހުނުއިރު އޭގެ ކުރީ ދުވަހު ބަލި ޖެހިފައިވަނީ 67 މީހަކަށެވެ.

ކޮވިޑް-19 ގޭ ކޭސްތައް ފެންނަވަރު މަދުވި ނަމަވެސް ބަލި ކޮންޓްރޯލްކުރަން މިހާރު އަޅައިފައިވާ ފިޔަވަޅުތައް އުވާލަން އަދި ރައްކާތެރި ނޫންކަމަށް ރާއްޖޭގެ ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ރޭ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާުޅުވީ މީގެ ކުރިން ބަލިފެތުރޭ މިންވަރު ދަށްވުމުން ލުއި ދިނުމުން، ބަލި ފެތުރޭ މީންވަރު އިތުުރުވި ކަމަށާއި އަނެއްކާވެސް އެ އުސޫލުން އަމަލުކޮށްފިނަމަ ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެހެންވީމާ ވަރަށް މުހިންމު އަދިވެސް ދެތިން ހަފްތާ މެޝާޒްއާއެއްކޮށް މީތި ސަސްޓެއިންކޮށް ތިރީގައި ގްރީން ޒޯންގަ ބަހައްޓަން މަސައްކަތްކުރުން. އެއީ ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ހަމަ ފުލް އިންކިއުބޭޝަން ޕީރިއަޑެއް ގްރީން ޒޯންގައި ބަހައްޓައިގެން މެނޭޖްކޮށްލެވިއްޖިއްޔާ ދެން ބަލި ފެތުރޭ މިންވަރު ދަށްވެގެން ދާނީ. އަދި އަޅުގަނޑުމެން ސޭފްއެއް ނޫނޭ ދަންނަވަން މިއުޅެނީ. ހުރިހާ ރެސްޓްރިކްޓިވް މެޝާސްތައް އުވާލާކަށް." ޑރ. ޝީނާ ވިދާޅުވި އެވެ.

comment ކޮމެންޓް