ވެކްސިން ޖެހުމަށްފަހު ދެ ހަފްތާއަށް ކަސްރަތާ ދުރުވޭ، ނޫނީ ނުރައްކާ ވެދާނެ!

ޑރ. އަހްމަދު ފައިސަލް: ވެކްސިން ޖެހުމަށްފަހު ކަސްރަތުކުރުން ދެ ހަފްތާއަށް މެދުކަނޑާލަން އޭނާ ވަނީ އިލްތިމާސް ކުރައްވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވެކްސިން ޖެހުމަށްފަހު ކަސްރަތުކުރުން ދެ ހަފްތާއަށް މަޑުޖައްސާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިރޭ "ސަން"އަށް ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ކަސްރަތުކުރުން ދެ ހަފްތާއަށް މަޑުޖައްސާލުމަކީ އަބަދުވެސް ދެމުން އަންނަ އިރުޝާދެއް ކަމަށެވެ. އަދި ކަސްރަތުކުރުން ދެ ހަފްތާއަށް މަޑުޖައްސާލަން ޖެހެނީ ހަމައެކަނި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށްފަހު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"12 އަހަރުން ދަށުގެ ކުދިން ތާ ކޮވިޑަށް ވެކްސިން މި ޖަހަނީ އެންމެ ކުޑަ ކުދިންނަށް. އެކުދިންނަށް ވެކްސިން ޖެހި އިރުގަވެސް އިންނާނެ އެޑްވައިސް ކޮށްފަ ވެކްސިނަށްފަހު ކަސްރަތު މަޑުޖައްސާލަން،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ވެކްސިނަށް ފަހު ކަސްރަތު ކުރުމުން މަޔޯކާޑައިޓީސް ފެންނަކަން ފައިސަލް ފާހަގަކުރެއްވިއެވެ. މޮޔޯކާޑައިޓީސް އަކީ ހިތުގެ މަސްތަކަށް ވެކްސިނުގެ އަސަރުކޮށް ހިތުގެ ހިނގުމަށް އަސަރު ކުރުމެވެ.

"މަޔޯ ކާޑައިޓީސް އަކީ ހިތުގެ މަސަލްތަކަށް ވެކްސިނުގެ އަސަރުކޮށް ހިތުގެ ޕަންޕިން ނުވަތަ ބްލަޑް ޕްރެޝަރު ހިފެއްޓުމާ މިބައި ތަކަށް ދަތިވުން. އެހެންވީމައި މީގެ ޕްރެކޯޝަން އަކަށް މިކަން މި ކުރަނީ،" ޑރ. ފައިސަލް ވިދާޅުވިއެވެ.

މިކަން އާންމުގޮތެއްގައި ކުރިމަތި ވަނީ 30 އަހަރުން ދަށުގެ ޒުވާނުންނަށްކަމަށާއި މިއީ ވަރަށް މަދުން ދިމާވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންނަށް ދޭ ވެކްސިން ތަކަކީ ގިނަ އަހަރުތަކެއް ވަންދެން ބޭނުންކުރެވިފައިވާ ވެކްސިންތަކެއް ކަމުން އެއީ މޮޅަށް ދިރާސާކުރެވިފައި ވާ ވެކްސިން ތަކެއްކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި މިހާރު މި ޖަހާ ވެކްސިން ތަކަކީ އާ ވެކްސިން ތަކެއްކަމުން މިއީ އަބަދުވެސް ދިރާސާ ކުރެވެމުން ދާނެ ވެކްސިންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މީގެ ނޭދެވޭ އަސަރުތައް ފެންނަ ވަރަކުން އާންމުންނަށް ދޭންޖެހޭ އިރުޝާދުތައްވެސް ތަފާތުވަމުން ދާނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް