އަވަހާރަކޮށްލާފައިވާ ކޮންގޯގެ ކުރީގެ ބޮޑުވަޒީރުގެ ދަތް އާއިލާއާ ހަވާލުކުރަނީ

އަވަހާރަކޮށްލާފައިވާ ކޮންގޯގެ މިނިވަންކަމުގެ ބާނީ ޕެޓްރިސް ލުމްބާބާ--

އަވަހާރަކޮށްލާފައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މިނިވަންކަމުގެ ބާނީ އަދި އެގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމްބާބާގެ ދަތް އެމަނިކުފާނުގެ އައިލާއާ ހަވާލުކުރަން ނިންމައިފި އެވެ.

ލުމްބާބާ އަވަހާރަކޮށްލައިފައިވަނީ 1961 ވަނަ އަހަރު އެގައުމުގެ އަސްކަރިއްޔާއިން ގެނައި ބަޣާވާތެއްގަ އެވެ. އެ ބަޣާވާތުގައި ފަހަތުގައި ތިބީ އެމެރިކާ އާއާއި ކޮންގޯ ކުރިން އިސްތިއުމާރުކުރި ބެލްޖިއަމް އެވެ.

އެމަނިކުފާނުގެ ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލުމަށްފަހު ހަށިގަނޑުގެ ބައިތައް ވަކިކޮށްލުމަފަހު އެސިޑްއެޅި އެވެ. އަދި ކޮންގޯގައި ހަރަކާތްތެރި ބެލްޖިއަމްގެ ފުލުހުންގެ މީހަކު ވަނީ ލުމްބާބާގެ މެދު ދެ ދަތް ނަގައިގެން ބެލްޖިއަމްއަށް ގެންގޮސްފަ އެވެ.

އެމަނިކުފާނުގެ ހަށިގަނޑުގެ ބައިތަައް ވީތަނެއް އަދިވެސް ނޭނގެ އެވެ.

ލުމްބާބާގެ ދަތް ލުމްބާބާގެ އާއިލާއާ ހަވާލުކުރަން ބެލްޖިއަމްގެ ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.

ލުމްބާބާއާ އެމެރިކާ އަދި ބެލްޖިއަމްއާ ގުޅުން ގޯސްވީ ފިނި ހަނގުރާމައިގެ ދުވަސްވަރު ސޯވިއަޓް ޔޫނިއަންގެ އެހީއަށް އެދުމުންނެވެ. ލުމްބާބާ އެހީއަށް އެދިވަޑައިގަތީ އެ ދުވަސްވަރު އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރި ގްރޫޕްތަކުގެ ބާރު ކަނޑުވާލުމުގެ ގޮތުންނެވެ.

އެމެރިކާއިން ޖަޕާނަށް އެޅި އެޓޮމިކް ބޮންތަކުގައި ބޭނުންކުރި ޔުރޭނިއަމް މާއްދާ ނަގައިފައިވަނީ ކޮންގޯއިން އެވެ. އެެމެރިކާގެ ކަންބޮޑުވުމަކަށްވީ ކޮންގޯއިން ސޯވިއަޓް ޔޫނިއަންއަށް އެ ޔުރޭނިއަމް ވިއްކަފާނެތީ އެވެ.

ލުމްބާބާގެ ހަށިގަނޑުގެ ބައިތައް ހަވާލުކުރުމަށް މީގެ ކުރިންވެސް އެމަނިކުފާނުގެ ދަރިކަނބަލުން ޕެޓްރިސް އެމެރީ ލުމްބާބާ ވަނީ ބެލްޖިއަމްގެ ރަސްގެފާނުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ލުމްބާބާއަކީ ކޮންގޯގެ ބަތަލެއްކަމަށް ގިނަ ބަޔަކު ދެކޭއިރު އެމނިކުފާނުގެ ހަށިގަނޑުގެ ބައިތައް ހަވާލުކުރުމަށް އެދި އެގައުމުގައި ހުންނަ ބެލްޖިއަމްގެ އެމްބަސީ ކައިރީ އެތައް ބަޔަކު މުޒާހަރާ ވެސް ކޮށްފައިވެ އެވެ. -- އޭޕީ

comment ކޮމެންޓް