ވައިގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރޭ ކަމަށްބުނެ އެމެރިކާގެ ސެންޓާ އޮފް ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެކުލަވާލި ގައިޑްލައިން އަނބުރާ ގެންގޮސްފި އެވެ.
ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް ސައިންސުވެރިން ވަނީ ކުރީން ބުނެފަ އެވެ.
ސީޑީސީ އިން ކޮވިޑް-19 އާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގައިޑްލައިންގައި އެކަމާ ގުޅޭ ގޮތުން ހާއްސަ މާއްދާއެއް ހިމަނާފައިވެ އެވެ. މީގެ ދުވަސްކޮޅެއް ކުރީން އެކުލަވާލާފައިވާ ބައި ވަނީ ރޭގައި އަނބުރާ ގެންގޮސްފަ އެވެ.
ސީޑީސީއިން އެކަމަށް ރައްދު ދެމުން ބުނެފައި ވަނީ ވައިގެ ޒަރިއްޔާއިން ވައިރަސް ފެތުރޭ ކަމަށް ބުނެ އެކުލަވާލާފައިވާ އިރުޝާދުތައް ހިމެނޭ ބައި ޕޯސްޓު ކުރެވުނީ އޮޅިގެން ކަމަށެވެ. އަދި ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރެމުންދާ ކަމާ ގުޅޭ ގޮތުން އެކުލަވާލާ ގައިޑްލައިން މިހާރު އަޕްޑޭޓް ކުރަމުން ގެންދާ ކަމަށް ސީޑީސީއިން ބުނެފައިވެ އެވެ.
ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސްގައިވާ ގޮތުން ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު ވުމުންނެވެ. އަދި ވައިގެ ތެރޭގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އާ ފިޔަވަޅުތައް އެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެފަދަ ފިޔަވަޅު އެޅި ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމުގައި މާބޮޑު ތަފާތެއް ނާންނާނެ ކަމަށް ސިއްހަތު ޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.
ނަމަވެސް 32 ގައުމެއްގެ 239 ސައިންސުވެރިން ޑަބްލިޔުއެޗްއޯއަށް ފޮނުވާ ސިޓީގައިވާ ގޮތުން ވައިރަސް ކްލަސްޓާތަކުން ލިބެމުންދާ މައުލޫމާތުން ދޭހަވާ ގޮތުގައި ވައިރަސް ވައިގެ ތެރެއިން ފެތުރުމުގެ ނުރައްކާ ޑަބްލިޔުއެޗްއޯއިން ބުނާ ވަރަށް ވުރެ ބޮޑެވެ.
އެކަމަށް ބުރަވެ ސީޑީސީއިން ގައިޑްލައިންއަށް ބަދަލު ގެނެސްފައިވެ އެވެ. އަދި ހުކުރު ދުވަހުގައި "އޮޅިގެން" އެ ގައިޑްލައިން ޕޯސްޓުކޮށްފައިވެ އެވެ.
މިހާރު ނަގާފައިވާ ގައިޑްލައިން އަޕްޑޭޓްގައި ބަންދު ތަންތަނުގައި އެއާ ޕިއުރިފަޔާ ފަދަ ޕްރޮޑަކްޓް ބޭނުންކުރަން ބާރު އަޅައެވެ. އަދި ބަންދުކޮށްފައިވާ އިމާރާތްތަކުގެ ތެރޭގައި ވެސް ހަ ފޫޓު ދުރުމިން ބެހެއްޓުމަށް އެ ގައިޑްލައިންގައި ވަނީ އެދިފަ އެވެ. ނަމަވެސް އެ ގައިޑްލައިން ނަގާފައިވާއިރު ބަދަލުކުރަން ޖެހޭ ކަންތައްތައް ބަދަލުކުރުމަށް ފަހު އެ ޕޯސްޓްކުރާނެ ކަމަށް ސީޑީސީއިން ބުނެ އެވެ.