ފްލައި ދުބާއީ އިން ރާއްޖެއަށް ދަތުރު ފަށަނީ

ފްލައި ދުބާއީގެ ފްލައިޓެއް ---

ޔޫއޭއީގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީ އިން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ.

މީގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލާފައިވަނީ 2018 ވަނަ އަހަރުއެވެ.

އެމިރޭޓްސްގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީގެ ދަތުރުތައް އަންނަ މަހުގެ 27 ގައި ރާއްޖެއަށް ފަށާނެކަން އިއުލާނުކޮށްފައިވާއިރު ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.

ފްލައި ދުބާއީ އިން ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެއަށް ބާއްވަން ވަނީ ނިންމައިފައެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

ފްލައި ދުބާއީގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ ބަލިމަޑުކަމަށްފަހު ގައމުތަކުން ލުއިދޭން ފަށާފައިވާއިރު ވައިގެ ދަތުރުފަތުރަށް ދިރުން އަންނަން ފަށާފައިވާ ކަމަށެވެ. ރާއްޖެއާއެކު 40 މަންޒިލަކަށް ފްލައި ދުބާއީ އިން އުދުހޭނެއެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޔޫއޭއީ އެވެ. ޔޫއޭއީގެ އެމިރޭޓްސް އަދި އިއްތިހާދުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.

comment ކޮމެންޓް