ޗައިނާއިން ފަސްކޮށްދިނީ ސީދާ ސަރުކާރުން ނެގި ލޯނުތައް އެކަނި: ފިނޭންސް

ރާއްޖޭގެ އެކި ފަރާތްތަކުން ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތާ ގުޅިގެން ދެއްކުން ފަސްކޮށްދިނީ ސީދާ ސަރުކާރުން ނަގާފައިވާ ލޯނުތައް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ޗައިނާގެ ލޯނުތަކާ ގުޅޭ ގޮތުން "ސަން"އިން ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުން އެ މިިނިސްޓްރީއިން ފޮނުވި މައުލޫމާތުތަކުގައި ބުނެފައި ވަނީ، ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ނޫނީ ލޯނު ދެއްކުމަށް ލުއި ދިނުމުގެ ސިޔާސަތުގައި ދަށުން މިއަހަރުގެ މެއި-ޑިސެމްބަރު ގެ ނިޔަލަށް ރާއްޖޭގެ ބައެއް ލޯނުތަކަށް ޑިފާމަންޓެއް ނުވަތަ ލޯނު ދެއްކުން ޗައިނާއިން މިހާރު ލަސްކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޗައިނާއިން އަދި ލަސްކޮށް ދިނީ ސީދާ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު އެކަނި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ސަރުކާރުން ގެރެންޓީކޮށް ދީފައިވާ ލޯނުތަކުގެ ދަރަނި އަދާކުރުމަށް ވެސް ލުއިތަކެއް ހޯދުމަށް ޗައިނާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ސީދާ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އިތުރަށް ހުޅުމާލެ ތަރައްގީ ކުރާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއޭސީއެލް ފަދަ ސަރުކާރު ކުންފުނިތަކުން ސަރުކާރުން ގެރެންޓީ ދީގެން ޗައިނާގެ ބޭންކުތަކުން ބޮޑެތި ލޯނުތައް ނަގާފައިވެ އެވެ. އެ ލޯނުތަކުގެ ކަންކަމުގައި ރައީސް ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

https://sun.mv/133759

މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ޗައިނާ އަށް މިއަހަރު ދައްކަން ޖެހޭނީ 75 މިލިއަން ޑޮލަރު ކަމަށެވެ.

ރާއްޖެއިން މިއަހަރު ތެރޭ، ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދާ ގުޅޭ ގޮތުން "ސަން"އިން ފިނޭންސާ ސުވާލުކުރުމުން ބުނީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާރު އަނބުރާ ދައްކަން ޖެހޭ ލޯނުގެ ޖުމްލަ އަދަދާއި މި ލޯނުތަކުގެ އިންޓްރެސްޓު ރޭޓާ ގުޅޭ މައުލޫމާތުވެސް ހާމަ ކުރެވެން ނެތްކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ވިދާޅުވީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.

https://sun.mv/138922

ޗައިނާގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރީ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ ޗައިނާ ލޯނުތަކުގެ އިންޓްރެސްޓަކީ ދެ ޕަސެންޓު ކަމަށާއި މި ލޯނުތަކުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު އަދި އަނބުރާ ދެއްކުމަށް 20 އަހަރު ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް