ސެޕްޓެމްބަރު މަހުގެ ނިޔަލަށް، "އޯޑޮކް" އެޕްލިކޭޝަން މެދުވެރިކޮށް، ހިލޭ ޑޮކްޓަރަށް ދެއްކޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.
އޯޑޮކް އަކީ ސްރީލަންކާގެ ޓެލެމެޑިސިން ޕްލެޓްފޯމެކެވެ. އުރީދޫއިން ބުނީ އޯޑޮކް މެދުވެރިކޮށް ހިލޭ ދެއްކޭނީ ހަމައެކަނި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ކަމަށެވެ. ހާއްސަ ޑޮކްޓަރުންނަށް ދައްކަން ފީއެއް ނަގާނެއެވެ.
ސްރީލަންކާ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ އޯޑޮކް އަކީ ޕޭޝަންޓުންނާއި ޑޮކްޓަރުން، ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯމެކެވެ.
އުރީދޫން ބުނީ މި ޕާޓްނަޝިޕުގެ މަގުސަދަކީ ދިވެހިން ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތަކާ ގުޅުވާލަދިނުން ކަމަށެވެ.
އަދި ޕާޓްނަޝިޕްގެ ދަށުން އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން އިން ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ
އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ.
އޯޑޮކް ޕްލެޓްފޯމްގެ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓާވެ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރުން ކަމުގައި އެ ޕްލެޓްފޯމުން ޔަގީންކަން ދޭކަމަށް އުރީދޫން ވަނީ ބުނެފައެވެ.
ޕްލެޓްފޯމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއި އެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެއެވެ.