ގްރީސްގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި ރޯވުމުން 13،000 މީހުން މަގުމަތިވެއްޖެ

މޯރިއާ ކޭމްޕު އަނދާ ހުލިވުމުގެ ސަބަބުން އެތައް ހާސް މީހުންނަށް ވަނީ އެ ކޭމްޕު ކައިރީ، މަގުތައް މަތީ ނިދަން މަޖުބޫރުވެފަ -- ފޮޓޯ: އޭއެފްޕީ

ލެޒްބޯސް (ސެޕްޓެމްބަރު 11): ގްރީސްގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ރޭ ރޯވުމުގެ ސަބަބުން އެ ކޭމްޕުގައި ދިރިއުޅެމުން ދިޔަ 13،000 ވަރަކަށް މީހުން މަގުމަތިވެއްޖެ އެވެ.

ގްރީސްގެ ލެޒްބޯސްގައި ހަދާފައިވާ މޯރިއާ ކޭމްޕުގައި ރޯވެ އަނދާ ހުލިވީ އެތަނުގައި ދިރިއުޅެމުން ދިޔަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ ދޭއްގައި ކޭމްޕު ކަރަންޓީނު ކުރި ފަހުންނެވެ. އޭގެ ފަހުން މޯރިއާއިން 35 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެ ކޭމްޕުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް 10 ފަޔާ އިންޖީނާއި ހެލިކަޕްޓަރެއް ބޭނުން ކުރި ނަމަވެސް، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު މުޅި ކޭމްޕު ވަނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ. އެ ހާދިސާގައި ތިން މީހަކު މަރުވި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބީބީސީއަށް އެންގި ނަމަވެސް ގްރީސްގެ މައިގްރޭޝަން މިނިސްޓްރީން ވަނީ އެއްވެސް މީހަކު މަރު ނުވާ ކަމަށް ބުނެފަ އެވެ.

މޯރިއާ ކޭމްޕުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ކޭމްޕު ވަނީ އަނދާ ހުލިވެފަ -- ފޮޓޯ: ރޮއިޓާސް

އެ އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާ އިރު ގްރީސްގެ ބައެއް މީޑިއާތަކުން ވަނީ ކޭމްޕުގައި ގަސްތުގައި ބަޔަކު ރޯ ކުރީ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެއީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން އެކަހެރި ކުރަން މަސައްކަތް ކުރުމުން ހިނގި ދެބަސްވުމަކާ ހެދި ބަޔަކު ކުރި ކަމަށް ބުނެފަ އެވެ.

މޯރިއާ ކޭމްޕު އަނދާ ހުލިވުމުގެ ސަބަބުން އެ ކޭމްޕުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ވަނީ އެ ސަރަހައްދުގެ މަގުތަކާއި ދަނޑުތަކާއި ކާރު ޕާކު ކުރަން ހަދާފައިވާ ޖާގަތަކުގައި ނިދަން ޖެހިފަ އެވެ. އަދި ކޭމްޕާ ކައިރީ އޮންނަ، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބައެއް މީހުން ދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ މީހުން ހުއްޓުވާފަ އެވެ.

ގްރީސްއިން މިހާރު ވަނީ ކޭމްޕުގައި ދިރިއުޅެމުން ދިޔަ 400 ކުޑަކުއްޖަކު، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ގެންގޮސްފަ އެވެ. އަދި ދެން ތިބި މީހުންނަށް މޯރިއާ ކޭމްޕު ކައިރީގައި އާއި ބޯޓުތަކުގައި ދިރިއުޅޭނެ ގޮތެއް ހަމަޖައްސަމުންދާ ކަމަށް އެގައުމުން ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކުން ހިމާޔަތް ހޯދުމުގެ އުއްމީދުގައި ލެޒްބޯސްއަށް ދާ އެތައް ހާސް މީހުން މޯރިއާގައި ބައިތިއްބާތާ އަހަރުތަކެއްވެއްޖެ އެވެ. އަދި އެ ކޭމްޕުގައި 70އަށް ވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ މީހުން ދިރިއުޅެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް