ގްރީސްގެ ޒުވާނުން ކޮވިޑް ވެކްސިން ޖެހުމުން ފައިސާގެ އިނާމެއް ދެނީ

ގްރީސްގައި މިހާތަނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވަނީ އާބާދީގެ 33 ޕަސެންޓު މީހުން -- ފޮޓޯ: އޭއެފްޕީ

އެތެންސް (ޖޫން 29): ގްރީސްްއިން އަންނަ މަހުން ފެށިގެން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ޒުވާނުންނަށް ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ގްރީސްގެ 10 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް މިހާތަނަށް ޖަހާފައި ވަނީ 33 ޕަސެންޓު މީހުންނެވެ. އަދި ވެކްސިން ޖަހާ ސްޕީޑު އަވަސްކުރުމަށްޓަކައި އެގައުމުން ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ވެކްސިން ޖަހާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނަށް 150 ޔޫރޯސް (180 ޑޮލަރު)ގެ ޕްރިޕެއިޑް ކާޑެއް ދޭނެ ކަމަށް ބުނެފަ އެވެ.

ގްރީސްގެ ޑިޖިޓަލް ޕޮލިސީ މިނިސްޓްރީން ބުނި ގޮތުގައި އެ ކާޑު ބޭނުން ކުރެވޭނީ ފަތުރުވެރިކަމާއި މުނިފޫހިފިލުވުމުގެ ދާއިރާގަ އެވެ. އެގޮތުން ވައިގެ ދަތުރުތަކާއި ފެރީ އަދި ރޭލު ޓިކެޓުތައް ގަތުމަށާއި ސިނަމާތަކަށާއި ދާރުލްއާސާރުތަކަށް ވަނުމަށް އެ ކާޑުން ހަރަދު ކުރެވޭނެ އެވެ.

ގްރީސްގެ ސަރުކާރުން ލަފާ ކުރަނީ މިއަހަރު ނިމުމުގެ ކުރިން 940،000 މީހުން އެ ސްކީމުގެ ބޭނުން ހިފާނެ ކަމަށެވެ.

ގްރީސްއިން މިހާތަނަށް 421،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 12،655 މީހަކު މަރުވެފައިވެ އެވެ.

comment ކޮމެންޓް