އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސްޕްރީމް ކޯޓަށް އައްޔަންކޮށްފި

ސުޕްރީމް ކޯޓަށް އަލަށް އައްޔަނުކުރެއްވި އަލީ ރަޝީދު ހުސައިނާއި ޑރ. މުހައްމަދު އިބްރާހިމް --- ފޮޓޯ/ ރައީސް އޮފީސް

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަލީ ރަޝީދު ހުސައިންއާއި ހދ. ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމް އައްޔަންކޮށްފިއެވެ.

އެ ދެބޭފުޅުނަނަށް މަޖިލީހުން ރުހުން ދިނީ މިދިޔަ އާދިއްތަ ދުވަހުއެެވެ.

އަލީ ރަޝީދާއި މުހައްމަދު އިބްރާހީމް ވަނީ ރައީސް އޮފީހުގައި މަގާމުގެ ހުވާ ކުރައްވާފައެވެ. މަގާމުގެ ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވި އަލީ ރަޝީދު އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމެވެ.

ކްރިމިނަލް ކޯޓަށް އަލީ ރަޝީދު ބަދަލު ކުރުމުގެ ކުރިން އޭނާ ވަނީ ކުރީގެ ޖިނާއީ ކޯޓުގައި ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން އަދާކުރައްވާފަ އެވެ. އިސްގާޒީ ކަމުގައި ހުންނަވައި އަމިއްލަޔަށް އެދިގެން ޑްރަގް ކޯޓަށް އޭނާ ބަދަލުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދު، ސްޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހު ނަން ފޮނުއްވަމުން އިދިކޮޅު ކޯލިޝަންނުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން އެކަން ސިފަކުރީ ޔާމީން ޖަލަށްލުމަށް ހުކުމް ކުރެއްވުމުން ދެއްވި "ހަދިޔާ"އެއްގެ ގޮތުގަ އެވެ.

ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި، ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޕީއެޗްޑީއާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ސުުޕްރީމްކޯޓުގައި ޖުމްލަ ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއެކު ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

comment ކޮމެންޓް