ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާ ފެބްރުއަރީއަށް ނިންމަނީ

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމަން މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފިއެވެ.

އެމްޑަބްލިއުއެސްްސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، މުހައްމަދު އަސްލަމް ޔުޓިލިޓީގެ ހިދުމަތް ދޭ ކުންފުނިތަކާއި އެޗްޑީސީ ބޭއްވި ބައްދަލުުވުމެއްގައި މަސައްކަތް ނިންމޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރެއްވި ކަމަށެވެ.

"...ސްޓެލްކޯވެސް، އެޗްޑީސީވެސް، އެމްޑަބްލިއުއެސްސީވެސް ތިބެ ހުރިހާ ފަރާތަކަށް އެއްބަސްވެވުނީ އެދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ޔުޓިލިޓީގެ ހިދުމަތް ދޭ އިދާރާތަކުންދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް،" ޝާހު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެ ޝެޑިއުލްގައި އިން ގޮތުން ވެއްޖެއްޔާ މިހާރު ފެބްރުއަރީ މަހުގެ ކުރިއަށް އަޅުގަނޑުމެން ޖެހޭ ފެނާއި ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމަން. އެ ޓައިމްލައިންއަށް މަސައްކަތް ކުރިއަށް އެބަ ގެންދަން. އެ ޓައިމްލައިނަށް މަސައްކަތް ނިންމާނަން،" އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓްތަކުގައި ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ލުމުގެ މަސައްކަތަށް އަށް މަސް ހޭދަވާނެ ކަމަށެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެވަނަ ފޭސްއަށް ފެނާއި ކަރަންޓާއި ފޯރުކޮށްދޭން އޮންނަނީ މާލެ ފެން ކުންފުނިންނާއިއާއި ސްޓެލްކޯއިން. އެ ދެ ފަރާތުގެ މަސައްކަތަށް ފެން ކުންފުނިީގެ މަސައްކަތަށް އަށް މަސް ދުވަސް، ސްޓެލްކޯގެ މަސައްކަތަށް ހަ މަސް ދުވަސް ހޭދަވާނެ. އެހެންވީމަ މީގެން ތަނަކަށް މީހަކަށް ވަދެވޭނީ، އަށް މަސް ދުވަސް ފަހުން." މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއަށް 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) ހަރަދު ކުރާއިރު މި މަޝްރޫއުގެ ދަށުން ފްލެޓުތަކުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 16 ބުރީގެ 25 ޓަވަރު އަޅާފައި ވެއެވެ.

comment ކޮމެންޓް