މަޝްވަރާކުރީ ބިދޭސީ ވިޔަފާރި ހުއްޓުވަން، ދިވެހި ބަދިގެތައް ހުއްޓުވާކަށް ނޫން: ރޭމް

މެއި 17، 2020: މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު، ރޯދަމަސް ނިމިގެން މިދަނީ ލޮކްޑައުން ހާލަތުގައި: އާންމުކޮށް ރޯދަމަހު އެންމެ ހަލަބޮލި ރެސްޓޯރެންޓުތައް މިއަދު އޮތީ ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިން ކުރަމުންދާ އެއްވެސް ވިޔަފާރިއަކަށް ހުރަސް އެޅުމަށް ނުވަތަ ހުއްޓުވުމަށް އެއްވެސް މުއައްސަސާއަކާ އެކު މަޝްވަރާކޮށްފައި ނުވާނެ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފިއެވެ.

އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ.

އެޗްޕީއޭގެ ނިންމުމާ ގުޅިގެން، ރޭމް އަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރޭމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކުރަމުންގެންދާ އެންމެހާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަކީ ފެށުނީއްސުރެ ކުރަމުންގެންދާ ކަމެއް ކަމަށެވެ.

އަދި ކެފޭ ރެސްޓޯރަންޓް ވިޔަފާރިއަށް ދިމާވެފައިމިވާ އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަނެ ސިނާއަތް ކޮޅަށް ޖެހުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޕީއޭ އާއެކު އެ އެސޯސިއޭޝަނުން ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާތަކެއް ކޮށްފައި ވާނެ ކަމަށެވެ.

އަދި އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިފައިވާނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ، އަދި ގަވާއިދުތަކަށް ބެލުމެއްނެތި ވިޔަފާރި ކުރަމުންގެންދާ އެތަކެއް ހާސް ބިދޭސީންގެ ވިޔަފާރިތަކާ ގުޅޭގޮތުން އެ
އެސޯސިއޭޝަންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުންނާއި އެކަން ހުއްޓުވޭނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.

އެއީ މިއަދު އެކަން ނުކުރެވިއްޖެނަމަ މުސްތަގުބަލުގައި މުޅި ސިނާއަތް ބޭރު މީހުންގެ ބާރުގެ ދަށަށް ހިގައިދާނެ ކަމުގެ ބިރު ހީވާތީ ކަމަށް ބަޔާނުގައިވެއެވެ.

"އެއްވެސް ހާލަތެއްގައި މިއިން މުއައްސަސާ އަކާއިއެކު ދިވެހި ކަނބަލުންގެ ދިވެހި ބަދިގެތައް، ދިވެހި ރަހަތައް ނުވަތަ ދިވެހިން ކުރަމުންދާ އެއްވެސް ވިޔަފާރިއަކަށް ހުރަސް އެޅުން ނުވަތަ ހުއްޓުވުމަށް މަޝްވަރާ ކުރެވިފައެއް ނޯންނާނެއެވެ." ރޭމްގެ ބަޔާނުގައިވެއެވެ.

ރޭމް އިން ބުނީ ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުގެ އިތުރުން އެ ސިނާއަތުގެ އެންމެ ބޮޑު ބައިވެރިޔަކީ އަޅުގަނޑުމެންގެ ދިވެހި ބަދިގެތައް ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެންގެ ދިވެހި ހީވާގި ކަނބަލުންނާއި އާއިލާތަކުގެ ބުރަ މަސައްކަތާ އަގުހުރި ވަގުތުގައި ދިވެހިވަންތަ ރަހަތައް
ހިމެނޭގޮތަށް ޒަމާނުއްސުރެ ދިވެހި ތާސީރު ހުރި އެކިވައްތަރުގެ ރަހަމީރު ހެދިކާ އާއި، ރޮށި، އެކިވައްތަރުގެ ކުކީސް، ކަނަމަދު ކޭކާއި އަދި ކަށިކެޔޮ ކޭކު ފަދަ އަނގަޔަށް މީރު ތަކެތި ރާއްޖޭގައި ހިންގާ އެކިއެކި ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުގެ ޝޯކޭސްތަކުން އައީ ޖާގަ ހޯދަމުންނެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޒުވާނުން އުފައްދަމުން އަންނަ ދުނިޔޭގެ އެކި ބައްރުތަކަށް ނިސްބަތްވާ ކާބޯތަކެއްޗަކީ ދިވެހި އެފެއްދުންތެރިކަމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ރޭމް އިން ބުނީ ދިވެހި އާއިލާތަކުން، ދިވެހި ބަދިގެތަކުގައި އުފައްދާ ތަކެތި ބަލައިގަނެ ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުގައި ވިއްކަމުން ގެންދަނީ ނުހަނު އުފަލާ ފަޚުރާއި ހިތްހަމަޖެހުމާ އެކުގައި ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބޭކަން ވެސް އުފަލާއިއެކު ފާހަގަކުރާ ކަމަށް ބަޔާނުގައިވެއެވެ.

ރޭމް އިން ބުނީ މިއަދުވެސް ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުގައި ވިއްކާ އެންމެހާ ކޮށި ފޯއް، ފޯއް ޕެކެޓާއި ދުފި ފަދަ ބާވަތްތަކާއި ރޮށީގެ 90 ޕަސެންޓަކީ ދިވެހި އަންހެނުންގެ އަގުހުރި މަސައްކަތްތައް ދައްކުވައިދޭ ނަމޫނާއެއް ކަމަށެވެ.

"ކާބޯތަކެތި ގޭގައި އުފައްދާ ވިއްކައިގެން އެތަކެއް ދިވެހި އާއިލާ ތަކަކަށް ތަނަވަސް ކަމާއި ކުރިއެރުން ލިބެމުންދާކަމީ ހަގީގަތުގައިވެސް މިއަދު މި އެސޯސިއޭޝަނުން އުފަލާއެކު ފާހަގަ ކުރާ ކަމެކެވެ." ބަޔާނުގައިވެއެވެ.

އެދުނީ ހުރިހާ ވިޔަފާރިއެއްގެ ދަފުތަރެއް އެކުލަވާލައި ވިޔަފާރިތައް އެއް ނިޒާމެއްގެ ތެރެއަށް ގެންނަން!

ރޭމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެޗްޕީއޭގެ ގަވާއިދުގައިވާ ގޮތުން ރަޖިސްޓްރީ ކުރެވިގެން ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ވެސް ބޭރުން ގެންނަ ކާބޯތަކެތި ތައްޔާރު ކުރެވިފައި ހުންނަންވާނީ އެޗްޕީއޭ އިން ހުއްދަ ދެވިފައިވާ ބަދިގެ އަކުން ކަމަށެވެ.

އަދި ގަވާއިދުގައި އެގޮތަށް އޮތުމުގެ ސަބަބުން ބައެއް ދިވެހި އާއިލާތަކަށް އެޗްޕީއޭގެ ހުއްދަ ނެތުމުގެ ސަބަބުން ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރު ނުކުރެވި ވާކަމަށެވެ.

އެހެންކަމުން ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުގައި ދިވެހި ބަދިގެ ތަކުގައި ތައްޔާރުކުރާ ކާބޯތަކެތި ބެހެއްޓުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ވެސް ބަޔާނުގައިވެއެވެ.

"މި އެސޯސިއޭޝަނުން އެކި މުއައްސަސާތަކާއިއެކު މަޝްވަރާކުރެވިފައި ވާނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ދަފުތަރެއް އެކުލަވާލައި އެންމެހާ ވިޔަފާރިތައް އެއް ނިޒާމެއްގެ ތެރެއިން ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށާއި ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށް ތަންފީޒީ އިދާރާތަކުން އެކަންކަން ރަނގަޅަށް މޮނިޓާ ކުރެވި، ނުގަވާއިދުން އުޅޭ ބިދޭސީން ހިންގަމުން ގެންދާ މިދަންނަވާ ފަދަ ވިޔަފާރިތައް ހުއްޓުވައި ދެއްވުމަށެވެ." ރޭމްގެ ބަޔާނުގައިވެއެވެ.

އެއީ ހުއްދަ ހޯދުމަކާ ނުލައި ނުގަވާއިދުން ވިޔަފާރިތައް ކުރަމުންގެންދާ މީހުންގެ 90 ޕަސެންޓަކީ ބިދޭސީން ކަމަށްވެފައި، އެފަދަ ވިޔަފާރިތައް ނުހުއްޓުވި ކުރިއަށް ދާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ބަޔަކީ ދިވެހި އާއިލާތައް ކަމުގައިވާތީ ކަމަށް ވެސް ރޭމް އިން ބުންޏެވެ.

ރޭމް އިން ބުނީ ބިދޭސީން ނުގަވާއިދުން ކުރާ ވިޔަފާރިތަކުގެ ސަބަބުން ދިވެހި ބަދިގެތަކުގެ އުފެއްދުންތަކަށް، ދިވެހި އަންހެނުންގެ މަސައްކަތަށް ލިބެންޖެހޭ ފުރުސަތު ތަކާއި، ފުރިހަމަ އާމްދަނީ އެތައް ގުނައަކުން
ދަށްކަން އެ އެސޯސިއޭޝަނުން ހޯދި ހޯދުންތަކުން އެނގޭ ކަމަށެވެ.

އަދި ރިސޯޓް ތަކުންނާއި ބޮޑެތި ތަންތަނުން ބޭނުންކޮށްފައި އުކާލާ ކައްކާ ތެޔޮ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާ ކަމުގެ މައުލޫމާތާއި، މުއްދަތު ހަމަވެގެން ގޮނޑަށް އުކާލެވޭ ކާބޯ ތަކެތީންނާއި، އާންމު ޑަސްބިންތަކުން ހޮވާ ތަކެތީންވެސް ކާބޯތަކެތި ތައްޔާރުކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެވިފައިވާނެ ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭގެ އިއުލާނާއި ގުޅިގެން ނަގަންޖެހޭ ހުއްދަތައް ނެގުމުގައްޔާއި ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކަށް އެޗްޕީއޭ އިން މިހާރު ގެންގުޅޭ މިންގަނޑުތަކަށް ވުރެ ލުއި މިންގަނޑުތަކެއް ދިވެހި ބަދިގެތަކަށް ކަނޑައެޅޭތޯ އެޗްޕީއޭ އާއިއެކު މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އަދި އެކަމުގައި އެފަރާތްތަކަށް ރޭމްގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

"މިސިނާއަތް ކުރިއެރުވުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އަބަދުވެސް މި އެސޯސިއޭޝަންގެ ދޮރު ވާނީ ދިވެހި އެންމެހާ ހުނަރުވެރިންނަށް ހުޅުވާލެވިފައެވެ."

އަދި ކުރިއަށް އޮތް ތަނުގައި ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ހުނަރުވެރިންގެ މަސައްކަތްތަކަށް ފަހި އަދި ލުއި ގޮތްތަކެއް އެކިއެކި މުއައްސަސާތަކުން ހޯދައި ދިނުމުގެ މެދުވެރިއެއްގެ ގޮތުގައި ރޭމް ދެމިއޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް