"ދެރަދުން" ނެރެން ބޭއްވީ ސިޔާސީ ހަރަކާތެއް ނޫން: އިލެކްޝަންސް

ފެބްރުއަރީ 23، 2019: އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" ފޮތް ނެރުމަށް ބޭއްވި އިވެންޓަކީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރި ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެހެންކަމުން އެކަމުގައި އިލެކްޝަންސް ކޮމިޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ފޮތް ނެރުމަށް ކުރިއަށް ގެންދެވި އިވެންޓުގައި، ރައީސް ނަޝީދު މާސްކް ނާޅުއްވައި، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންގައިވާ ގޮތަށް ތިން ފޫޓުގެ ދުރުމިން ބަހައްޓާފައި ނުވި ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އަދި މިދިޔަ ހުކުރު ދުވަހު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން، ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، ދެ ޕާޓީ ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ފަރާތްތައް ޖޫރިމަނާކޮށް، މަޖިލިސް ރައީސް އާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެ ފާޑުކިޔުންތަކަށް ޖަވާބުދެއްވައި، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މާސްކް ނާޅުއްވައި ރެސްޓޯރަންޓުތަކުގައި އޮޓޯގްރާފް ދެއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތައް ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި ދައުރުވަމުން އަންނަ ފޮޓޯތަކާއި ފެންނަ މަންޒަރުތަކާ ގުޅިގެން، އެޗްޕީއޭގެ ގައިޑްލައިންތަކާ އަދި ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް އަންގައި ލިޔުން ފޮނުވާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް އިން ސިޔާސީ ހަރަކާތުގެ ގޮތުގައި ބަލަނީ ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރާ ކައުންސިލް ބައްދަލުވުންތަކާއި، ޕްރެސް ބްރީފިންތަކާއި، އެއްވުން ފަދަ ހަރަކާތްތަކެވެ.

"އެހެންވީމަ އެފަދަ ސިޔާސީ ހަރަކާތްތަކުގައި ހަމަ އަމަލުކުރަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިން އާއި ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް. ހަމަ ޕީޕީއެމް ޕީއެންސީއަށް ފޮނުވި މޭރުމުން މިހާރު ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހުންނާނީ ފޮނުވާފައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް އިން ފިޔަވަޅު އަޅަން ބާރުލިބެނީ ސިޔާސީ ހަރަކާތްތަކަށް އެކަނި ކަމަށެވެ. އަދި ފިޔަވަޅު އެޅޭނީ ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމެއް ސިޔާސީ ހަރަކާތެއްގެ ތެރޭގައި ހިނގާނަމަ ކަމަށެވެ.

އަދި ފިޔަވަޅު އަޅާއިރު ސިޔާސީ ހަރަކާތްތަކާއި، ސިޔާސީ ޕާޓީ ބައިވެރިވެގެން ކުރިއަށް ގެންދާ ހަރަކާތްތަކާ ސިޔާސީ ޕާޓީއެއް ބައިވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަނގަޅު ވާހަކައެއް، އަޅުގަނޑުމެންނަށް ފެނުނު ރައީސް ނަޝީދު ނެރުއްވި ފޮތް، ބައެއް ރެސްޓޯރަންޓްތަކުގައި އޮޓޯގްރާފް ނަންގަވަން އިށީނދެވަޑައިގެން އިންނެވި އިރު ކައިރީގައި މީހަކު އައިސް ހުރި އިރުގައި އެ މަންޒަރުވެސް ފެނުނު. އެކަމަކު އެއީ ސިޔާސީ ހަރަކާތެއް ގޮތުގައި އަޅުގަނޑުމެން ނުބަލަން. އެއީ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ހިންގި ހަރަކާތެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލްކްޝަންސް އިން ކަންބޮޑުވާނީ ސިޔާސީ ޕާޓީއަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި އެއްވެސް ކަހަލަ ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ހިނގާ ކަމަށްވާނަމަ ކަމަށެވެ.

ޝަރީފް ވަނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީއަށް އީސީން ފިޔަވަޅު އަޅާކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް ދޮގުކުރައްވައިފައެވެ. ޝަރީފް ވިދާޅުވީ، އޭނާގެ ދައުރުގައި މިހާތަނަށް ޕީޕީއެމްގެ އިތުރުން އެމްޑީޕީ، ޑީއާރްޕީ، އެމްޑީއޭ އަދި އެމްޓީޑީއަށް ފިޔަވަޅު އަޅާފައި ވާނެ ކަމަށެވެ.

"ފިޔަވަޅު އެޅުމަށްޓަކައި ވަކި ޕާޓީއެއް ނަގައިގެން، ވަކިޕާޓީއަކާ ދޭތެރޭ ފިޔަވަޅު ނާޅާ ވާހަކަ ދައްކާ ކަމަށް ވަންޏާ އެއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ޒިންމާ އަދާކުރުމަށް ފިޔަވަޅެއް އަޅާނީ، ކޯޓުގައި ޗެލެންޖު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރެގެން ކަމަށެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މަގުމައްޗަށް ނުކުންނައިރު އަދި މީހުން އެއްވެ އުޅޭތަން ތަނަަށް ދާއިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ.

ދެރަދުން އެ ނަމުގައި ރައީސް ނަޝީދު ލިޔުއްވި ފޮތުގައި ސޮއިކުރެއްވިމަށް ސިޓްރޮންގައި ބޭއްވި ރަސްމިއްޔާތާއި އަދި އެދުވަހު އެހެން ބުކްޝޮޕްތަކުގައި ބޭއްވި އިވެންޓުގައިވެސް ރައީސް ނަޝީދު އިންނެވީ މާސްކް ނާޅުއްވަ އެވެ.

އެ މައްސަލައިގައި ރައީސް ނަޝީދާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް މިހާތަނަށް ފުލުހުން ޖަވާބެއް ދީފައެއް ނުވެއެވެ.

comment ކޮމެންޓް