އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނީ އެރަށެއްގެ ކައުންސިލްގެ ހުއްދަ އާއެކު، އެޗްޕީއޭ އަދި އެޗްއީއޯސީގެ ގައިޑްލައިންތަކަށް ފެތޭނަމަ،" އެ މިނިސްޓްރީ އިން ކުރި ޓްވީޓުގައި ބުންޏެވެ.
އަންނަ މަހުގެ 15 އިން ފެށިގެން ގެސްޓްހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު، އެކަމާ ބެހޭ އިތުރު މައުލޫމާތު ދިނުމަށް މާދަމާ ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމާފައިވާކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. މާލެ ސަރަހައްދުގެ ބައެއް ގެސްޓުހައުސް އަދި ހޮޓާތަކަށް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ހިންގުމަށް ހުއްދަ ދީފައިވެއެވެ.
ފަތުރުވެރިކަމަށް ހުޅުވާލިއިރު ގެސްޓްހައުސްތަކަށް ހުއްދަ ނުދޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ރަށްރަށުގެ އިގްތިސޯދުގެ ގެސްޓްހައުސް ވިޔަފާރީގެ ހިއްސާ ބޮޑުއިރު، ސަމާ ހޮލިޑޭސް އާއި ދިމާކޮށް ގެސްޓުން އަންނަ ސީޒަނުގައި ގެސްޓްހައުސްތައް ބަންދުކޮށްފައަހައްޓަން ޖެހުމުން ގެއްލުން ލިބޭތީ ގެސްޓްހައުސް ހިންގާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރިން ގެސްޓްހައުސް ހުޅުވާ ވަގުތީ ތާރީހެއްގެ ގޮތުގައި އޮގަސްޓު15 ކަނޑައަޅާފައި އޮތްނަމަވެސް ރާއްޖޭގައި ކޮވިިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެ ތާރީހު ފަސްކުރަން ސަރުކާރުން ނިންމީއެވެ.
ތާރީހު ފަސްކުރިއިރު، ކުރިން އިއުލާނުކުރި ވަގުތީ ތާރީހަށް ގިނަ ފަތުރުވެރިންތަކެއް އޮތީ ގެސްޓްހައުސްތައް ބުކްކޮށްފައެވެ. ތާރީހު ފަސްކުރުމުން ޖެހުނީ އެ ބުކިންތައް ކެންސަލްކުރާށެވެ.