ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ވެސް ޔޫއޭއީއާ އެކު މެޗުތަކެއް

ރާއްޖެ އާއި ގުއާމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ޔޫއޭއީއާއެކު ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އެއްބަސްވެފައިވާ ކަމަށާއި މި މެޗުތައް ހޯމް އެންޑް އަވޭކޮށް ކުޅުމަށް މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ވެބްސައިޓުގައި ބުނެފައިވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހު ޔޫއޭއީގައި ބޭއްވި ބައްދަލުވުންތަކުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި، ޔޫއޭއީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗެއާމަން ރާޝިދު ބިން ހުމައިދު އަލް ނުއައިމީއާ އެކު އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވުނީ ޔޫއޭއީގެ އިތުރުން ރާއްޖޭގައި ވެސް މެޗުތަކެއް ކުޅޭގޮތަށެވެ.

އަދި މަޝްވަރާކުރީ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ މެޗުތައް ކުޅޭ ގޮތަށް ކަމަށާއި މި މެޗުތައް ޔޫއޭއީގަޔާއި، ރާއްޖޭގައި ވެސް ކުޅެން ނިންމާފައިވާ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފަ އެވެ.

މެޗުތައް ކުޅުމުގެ އިތުރުން ދެން ޔޫއޭއީއާ އެކު މަޝްވަރާކުރެވުނު އަނެއް ކަންތައްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ކޯޗުންނާއި ރެފްރީން ތަރައްގީކުރަން އެހީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީއާއި ފީފާއިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. އަދި ފަހުން ވަނީ އެ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅުމަށް ތާވަލުކޮށްފައެވެ. އެކަމަކު ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ގައުމުތަކުގައި އިތުރުވަމުން ދިއުމާ ގުޅިގެން ފީފާއިން ވަނީ އަނެއްކާވެސް މެޗުތައް ފަސް ކުރަން ނިންމާފަ އެވެ.

އޮކްޓޯބަރު މަހަށް މީގެ ކުރިން މެޗުތައް ތާވަލުކުރުން، ކޮވިޑް-19 ގެ ބްރޭކަށްފަހު ގައުމީ ފުޓްބޯޅަ ޓީމުން ޖުލައި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފެށިއެވެ. އެކަމަކު މާލެ ސިޓީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދިން ލަފާޔާ އެއްގޮތަށް މި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް އަލުން މެދުކަނޑާލި އެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގައި ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލައިފިނަމަ އޭގެ ސަބަބުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

comment ކޮމެންޓް