ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓުތައް މަރާމާތަށް ނަގަނީ

ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓެއް -- ފޮޓޯ: ފޭސްބުކް

ހުޅުމާލޭގެެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކުމަށް ބަހައްޓާފައި ހުރި ޓެންޓުތައް މަރާމާތު ކުރުމަށް ނަގަން ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ހެދިކާ ވިއްކުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނިން ބަހައްޓާފައިވާ 30 ޓެންޓު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި ޓެންޓުތައް ބާވެ ހަލާކުވެފައިވާތީ، 10 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަހު އެ ޓެންޓުތައް ނަގަން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ޓެންޓުތައް މަރާމާތަށްފަހު އަލުން ބަހައްޓާނީ އެޗްޕީއޭ އިން އެކުލަވާލާފައިވާ މަގުމަތީގައި ކާނާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނާއި އުޅަނދުގައި ހުންނަންޖެހޭނެ ސާފުތާހިރުކަމުގެ މިންގަނޑާ އެއްގޮތަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ޓެންޓުތައް މަރާމާތަށްފަހު ބަހައްޓައި، ޓެންޓުތައް ދޫކުރުމާއި ބޭނުން ކުރުމާ ބެހޭ އުސޫލު ސެޕްޓެމްބަރު މަހު ތެރޭ އާންމު ކުރާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ. މީގެ އިތުރުން އެޗްޑީސީ އިން ބުނީ ޓެންޓުތައް މަރާމާތުކުރުމަށްފަހު، ޓެންޓުތައް ބެހެއްޓުމަށް ކަނޑައަޅާ ސަރަހައްދުތަކާއި އެ ތަންތަން ދޫކުރާނެ އުސޫލާގުޅޭގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލައި މަޝްވަރާ ހޯދުމަށް އަންނަ މަހުގެ ތެރޭގައި ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ.

އެޗްޑީސީ އިން ވަނީ ޓެންޓުނއް ނަގާތީ، އެކަމުގެ ސަބަބުން ހެދިކާ ވިއްކާ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައިވާ ޓެންޓުތަކުން ހެދިކާ ވިއްކައިގެން އާމްދަނީ ހޯދާ އެތައް ބަޔަކު ހުޅުމާލޭގައި ދިރިއުޅެއެވެ. ކޮވިޑު19 ގެ ބަލިމަޑުކަމާ ގުޅިގެން ހެދިކާ ވިއްކުން ހުއްޓާލުމަށްފަހު، ދިން ލުއިތަކާއެކުކެފޭ ރެސްޓޯރެންޓުތައް ހުޅުވަން ހުއްދަ ދިނުމުން މި ތަންތަނުންވެސް ވަނީ ހެދިކާ ވިއްކަން ފަށައިފައެވެ.

އެޗްޑީސީ އިން 2018 ވަނަ އަހަރު ހެދިކާ ޓެންޓުތައް ބަހައްޓައި އެތަންތަނުގައި ހެދިކާ ވިއްކަން ތިބެވޭނެ އުސޫލެއް ވަނީ އާންމު ކޮށްފައެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން އުސޫލުގެ ދަށުން ހެދިކާ ވިއްކުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ފީއެއްގެ ގޮތުގައި އަހަރަކު 150 ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ. އަދި ހުއްދަ ދޫކުރެވޭނީ އަހަރު ދުވަހަށް ކަމަށާއި އެއް އަހަރު ހަމަވުމުން ހުއްދަ އާކުރަން އެދެންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އަދި ހެދިކާ ވިއްކުމުގެ ހުއްދަ އަށް އެދޭފަރާތަކީ ހުޅުމާލޭގައި ގޯއްޗެއް ނޫނީ ފްލެޓެއް ނޫނީ ރޯ ހައުސްއެއްގެ ވެރިފަރާތަކަށް ވާންޖެހޭނެ ކަމަށާއި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ހިދުމަތް ދެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވާއިރު ހުއްދައައަށް އެދޭ މީހާ އަކީ އެޗްޑީސީ އިން ދޫކުރާ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

comment ކޮމެންޓް