އިންޑިއާގެ އެހީގައި ހުޅުމާލޭ ސެންޓްރަލް ޕާކާއި ޖެޓީ މަރާމާތު ކުރަނީ

އިންޑިއާގެ އެހީގައި ހިންގާ ހުޅުމާލޭގެ ސެންޓްރަލް ޕާކް މަރާމާތު ކުރުމުގެ މަޝްރޫއުގެ ޕްލޭން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް މިއަދު އިފްތިތާހްކޮށްފި އެވެ.

ހުޅުމާލޭ އިރުމަތީ ފަރާތު އެރައިވަލް ޖެޓީ ހެދުމަށް އިންޑިއާއިން ހަރަދު ކުރަނީ 995،385.12 ރުފިޔާ އެވެ. ސެންޓްރަލް ޕާކުގެ މަރާމާތަށް ހަރަދު ކުރަނީ 8.10 މިލިއަން ރުފިޔާގެ އެވެ.

މި ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.

އެ ދެ މަޝްރޫއުވެސް ހިންގާނީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ސެންޓްރަލް މަޝްރޫއުގެ ދަށުން ޕާކުގައި ހިނގާ ޕާތުވޭތަކާއި ބައިސްކަލު ލޭނު ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނެ އެވެ. އަދި އިރުމަތީ ފަރާތު އެރައިވަލް ޖެޓީއަށްވެސް ޒަމާނީ ބަދަލުތަކެއް ގެންނާނެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މި މަޝްރޫއުތައް އިފްތިތާހު ކުރީ ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެޗްޑީސީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ 9.989 މިލިއަން ރުފިޔާގެ އެ މަޝްރޫއުތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް