މީރާގެ ބޯޑަށް އައްޔަންކުރަން ހަތަރު ބޭފުޅަކަށް ރުހުން ދީފި

މީރާ އަހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރު ކަމަށް ހަތަރު ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހަތަރު މަގާމަށް ޖުމްލަ އަށް ފަރާތަކުން ކުރިމަތިލިއިރު، މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން އެ ނަންތައް ދިރާސާކުރުމަށް ފަހު ފަސް ބޭފުޅެއްގެ ނަން ތަރުތީބުކޮށް ރުހުން ދިނުމަށް އޮތީ ނިންމާފައެވެ.

މީރާގެ ބޯޑަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ މުމްތާޒް އަބްދުއްރަޝީދު، މުރިނގު / ހދ. ހަނިމާދޫ އާއި ލީނާ މުހައްމަދު ޒާހިރު ހުސައިން، ހ. ނީލްވިލާ އާއި ހުޝާމް ވަހީދު، ގ. މާލެހިޔާ 2 03-15 އަދި ކޮމިޓީގެ ލިސްޓުގެ އެންމެ ފުލުގައި އޮތް އައިޝަތު އާޝާ އަލީ، ހ. އީސްޓްވާޑް އެވެ.

މީގެ ތެރެއިން ލީނާ މުހައްމަދު ޒާހިރު ހުސައިނާއި އާއިޝަތު އާޝާ އަލީއަކީ މިހާރުވެސް މީރާގެ ބޯޑުގައި ތިއްބަވާ ދެ މެމްބަރެކެވެ. އަދި ލީނާއަކީ މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންވެސް މެއެވެ.

މަޖިލީހުން ރުހުން ނުދޭން ފާސް ކުރީ ކޮމިޓީގެ ލިސްޓުގެ ތިން ވަނައިގައި އޮތް އަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ އެވެ. އޭނާއަށް ރުހުން ނުދޭން 53 މެމްބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރެކެވެ.

މީރާގެ ބޯޑުގެ ހަތަރު މެމްބަރުގެ މަގާމު ހުސްވީ، މެންބަރަކު އިސްތިއުފާ ދެއްވުމުގެ އިތުރުން، އެ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

މީރާގެ ބޯޑުގައި ހަތް މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. މީރާގެ ބޯޑުގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރުވެސް މިހާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީއަށެވެ.

މިހާރު ބޯޑުގައި ހިމެނެނީ ޗެއާޕާސަން އަހްމަދު ސަރުވަޝް އާދަމާއި، ޑެޕިއުޓީ ޗެއާ ލީނާ މުހައްމަދު ޒާހިރު ހުސައިނާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލުގެ އިތުރުން ޑިރެކްޓަރުން އަހްމަދު ފާއިޒު، އާއިޝަތު އާޝާ އަލީ، ފަސީހު ޒާހިރު އަދި މަހުރޫމް ސަލީމެވެ.

comment ކޮމެންޓް