ބާލިން (އޮގަސްޓު 25): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޒަހަރު ދީފައިވާ ކަމަށް ބެލެވޭ ކަމަށް ޖަރުމަނުގައި އޭނާއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުނެފި އެވެ.
ބާލިންގައި ނަވަލްނީއަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާގެ ހަށިގަނޑުން ވަނީ "ކޮލިނެސްޓެރޭސް އިންހިބިޓާސް" ފެނިފަ އެވެ. އެއީ ނާރުގެ ނިޒާމަށް އޭގެ އަސަރު ކުރުވާ ކެމިކަލްތަކެކެވެ. އަދި އަލްޒައިމާސްއަށް ފަރުވާ ދޭ ބައެއް ބޭސްތަކުގައި އެ ކެމިކަލްތައް ބޭނުން ކުރާ އިރު ޕެސްޓިސައިޑާއި ކެމިކަލް ހަތިޔާރު އުފައްދަންވެސް އޭގެ ބާވަތްތައް ބޭނުން ކުރެ އެވެ.
ބާލިންގެ ހޮސްޕިޓަލުން ވަނީ ނަވަލްނީއަށް ދީފައި ވަނީ ސީދާ ކޮން ކަހަލަ ޒަހަރެއްކަން އަދި ނޭނގޭ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނަމަވެސް ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ. ނަވަލްނީ އަދިވެސް އޮންނެވީ ކޯމާއެއްގަ އެވެ.
ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވަނީ ނަވަލްނީއަށް ޒަހަރު ދީފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ގޮވާލައްވާފަ އެވެ.
ބާލިންގެ ހޮސްޕިޓަލުން އެފަދައިން ބުނި ނަމަވެސް ރަޝިއާގެ ސައިބީރިއާގައި ނަވަލްނީއަށް ފަރުވާ ދިން ޑޮކްޓަރުން ވިދާޅުވި ގޮތުގައި އޭނާގެ ހަށިގަނޑުން ކޮލިނެސްޓެރޭސް އިންހިބިޓާސް ފެނިފައި ނުވެ އެވެ. އެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ނަވަލްނީ ހޭނެތުނީ އޭނާގެ ލޭގައި ހަކުރު ހުރި މިންވަރު ދަށްވުމުންނެވެ.
ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި މިދިޔަ ބުރާސްފަތި ދުވަހު ނަވަލްނީއަށް ފަރުވާ ދޭން ފެށީ އޭނާ ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުންނަވަނިކޮށް ހޭނެތުމުންނެވެ. ނަވަލްނީއަށް ތާއިދު ކުރާ ފަރާތްތަކުން ބުނި ގޮތުގައި އޭނާ އެއާޕޯޓުގައި ހުއްޓާ އޭނާއަށް ވަނީ ޒަހަރު ދީފަ އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޑު ކިޔައި އަދި އެގައުމުގެ އިސް އޮފިޝަލުންގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އެރުވުމަށް މަސައްކަތް ކުރައްވާ ނަވަލްނީއަށް މީގެ ކުރިން ވެސް ޒަހަރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ގަވާއިދާ ހިލާފަށް މުޒާހަރާ ކުރަން ގޮވާލި މައްސަލައެއްގައި ނަވަލްނީ 30 ދުވަހަށް ޖަލަށް ލާފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭރު ޑޮކްޓަރުން ވަނީ އޭނާ ކޮންމެވެސް އެއްޗަކަށް އެލާޖިކްވީ ކަމަށް ބުނެ، އެއް ދުވަސް ފަހުން އޭނާ އަނބުރާ ޖަލަށް ފޮނުވާލާފަ އެވެ.
ނަމަވެސް ނަވަލްނީގެ ޓީމުން އޭރުވެސް ބުނަމުން ދިޔައީ އޭނާއަށް ޒަހަރު ދިން ކަމަށެވެ.
މީގެ އިތުރުން 2017 ވަަނަ އަހަރު ނަވަލްނީގެ އޮފީސް ކައިރީގައި ބަޔަކު އޭނާގެ މޫނަށް އެންޓިސެޕްޓިކް ކުލަ ޖެހުމާ ގުޅިގެން އޭނާގެ ކަނާތު ލޮލަށް ގެއްލުން ލިބުނެވެ.
ދެހާސް އަށާރަ ވަނަ އަހަރު ނަވަލްނީ ރަޝިއާގެ ރިޔާސީ އިންތިހާބުގައި ޕޫޓިންއާ ވާދަ ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، 2013 ވަނަ އަހަރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާއެއް ސާބިތުވެފައި ވުމުން، އޭނާ އެ އިންތިހާބުގައި ވާދަ ކުރުން އިލެކްޓޯރަލް ކޮމިޝަނުން މަނާ ކުރި އެވެ. ނަވަލްނީ ވިދާޅުވި ގޮތުގައި އެއީ އޭނާގެ މައްޗަށް ކުރި ސިޔާސީ ދައުވާއެކެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުކުމް ވަނީ ސަަސްޕެންޑުކޮށްފަ އެވެ.