ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލު ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން: ރައީސް

ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލާއި، ބައިނަލްއަގުވާމީ ހަމަޖެހުން ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ޝްޓައިންމަޔާގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒު، މިއަދު ވަނީ ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީޖީއޭޕީ) އަށް ޒިޔާރަތްކުރައްވައިފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ގުޅޭގޮތުން ތަގުރީރެއްދެއްވާފައެވެ.

https://www.sun.mv/217820

ރައީސް ވިދާޅުވީ ތާރީހީ، އިގުތިސާދީ، ސަގާފީ އަދި ދިފާއީ ގޮތުންވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ ކަމަށެވެ.

"ރާއްޖެ އޮންނަނީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތަކެއް އަނގޮޅިވާ، އިސްތިރާޖީގޮތުން ވާދަވެރިކަން ބޮޑު ސަރަޙައްދެއްގައި. މީގެ ސަބަބުން، ހިންދު ކަނޑަކީ، 21 ވަނަ ގަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވަނީ ވެފައި." ރައީސް ވިދާޅުވިއެވެ.

މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޝާމިލު ގޮތެއްގައި ގިނަ ގައުމަތުން އެކުގައި މަސައްކަތްކޮށް، ބައިނަލްއަގުވާމީ މިންގަނޑުތައް ބައްޓަންކުރާ ފަރާތްތަކުގެ ގޮތުގައި ކުދި ދައުލަތްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ވުޖޫދީ، އަދި ބައިނަލްއަގުވާމީ މުޖުތަމައަށް އަސާސީ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ކަނޑުތަކަކީ، އެއްބާރުލުން ދިނުމަށާއި، ވިލުންތެރިކަމަށާއި، މަސްއޫލިއްޔަތު ހިއްސާކުރުމަށް ޖާގަ އޮންނަ ތަނެއްކަން ކަށަވަރުކުރުމަށްޓަކައި، ޖަރުމަނުވިލާތާއި، އެ ނޫންވެސް، މި ވިސްނުން ހިއްސާކުރާ ބައިވެރިންނާއެކު މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ތައްޔާރަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލާއި، ބައިނަލްއަގުވާމީ ހަމަޖެހުން ބައްޓަންކުރާނީ، ކަނޑުތައް ބެލެހެއްޓުމުގައި އޮންނަ އުސޫލުތަކުން" ރައީސް ވިދާޅުވިއެވެ.

ތަގުރީރަށް ފަހު، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، ކަނޑުތަކުގެ ސަލާމަތްކަން ކަށަވަރުކޮށް ވިލުންތެރިކަން އިތުރުކުރުމުގައި ރާއްޖެއިން ގެންގުޅޭ އުސޫލު ބިނާކޮށްފައިވަނީ، އަވައްޓެރި ގައުމުތަކާއެކު އޮންނަ ބަދަހި ގުޅުންތަކާއި، ސަރަޙައްދީ ނަޒާހަތްތެރިކަމަށް ކުރާ އިހުތިރާމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަތީގައިކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ވިދާޅުވަމުންނެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

އެ ނިންމެވުމާ ގުޅިގެން ދިވެހި ސިފައިން އަންނަނީ، މޮރިޝަސްގެ ސަރަހައްދުގެ ގޮތުގައި އިޓްލޮސްއިން ކަނޑައެޅި ސަރަހައްދުގައި ވެސް ހަރަކާތްތެރިވަމުންނެވެ.

https://www.sun.mv/217659

މީގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭގައި ރައީސް މުއިއްޒު ވަނީ، އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި ދެ އިންޓަވިއުއެއްގައި ރާއްޖެއަށް ޗާގޯސް ހައްގު ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ލިބިއްޖެނަމަ، ޗާގޯސްގައި އެމެރިކާގެ މަރުކަޒު ހިންގުމާ ގުޅޭ އެއްބަސްވުމަކަސް އާދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން އިނގިރޭސީން ބުނެފައިވަނީ ޗާގޯސްއަކީ އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އަދި އެމެރިކާއިން ވެސް ވަނީ ޗާގޯސް މައްސަލައިގައި އިނގިރޭސީންނަށް ތާއީދު ކުރާކަން ހާމަ ކޮށްފައެވެ.

comment ކޮމެންޓް