ބާރު ދުުވުންތެރިޔާ އުސައިން ބޮލްޓަށް ކޮވިޑް ޖެހިއްޖެ

އޮލިމްޕިކްސްގެ 200 މީޓަރު ދުވުން ބޯލްޓް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ކުރު ރާސްތާ ދުވުންތަކުގެ ގިނަ ރެކޯޑްތަކެއް ހަދާފައިވާ ބާރު ދުވުންތެރިޔާ އުސައިން ބޮލްޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން އެތުލެޓިކްސް އިން ރަސްމީކޮށް ރިޓަޔާ ކުރި ބޮލްޓް، އޭނާގެ 34 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ޖަމައިކާގައި ބޭއްވި ސަޕްރައިޒް ޕާޓީއަކަށް ފަހު ވަނީ އަމިއްލައަށް އައިސޮލޭޓް ވުމަށްފަހު ބައްޔަށް ޓެސްޓް ކޮށްފަ އެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ރޭ ޖަމައިކާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޮގަސްޓް 21 ވަނަ ދުވަހު ކުރިޔަށް ދިޔަ އުފަން ދުވަސް ޕާޓީ އަކީ ބޮލްޓުގެ އެންމެ އުފާވެރި އުފަންދުވަސް ކަމުގައި އޭނާ މީސް މީޑިއާގައި ބުނެފައިވާ އިރު މި ޕާޓީގައި މަޝްހޫރު ގިނަ އެތުލީޓުންތަކެއް ވަނީ ބައިވެރިވެފަ އެވެ.

އެގޮތުން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ސްޓާލިންގެ އިތުރުން ބަޔާ ލެވާކްސެންގެ އެޓޭކާ ލިއޮން ބައިލޭގެ އަދި ކުރިކެޓް ލިޖަންޑް ކްރިސް ގެއިލޭ މި ޕާޓީގައި ބައިވެރިވެފައިވެ އެވެ.

އޮލިމްޕިކްސްގައި ދުވުމުން އަށް ފަހަރު ރަން މެޑަލް ހޯދާފައިވާ ބޯލްޓް 2017 ވަނަ އަހަރު އެތުލެޓިކްސް އިން ރިޓަޔާކުރުމަށް ފަހު ބޭނުންވީ ފުޓްބޯޅަ ކުޅޭށެވެ. އެގޮތުން އޮސްޓްރޭލިއާގެ މެރިނާސްއާ އެކު ޓްރަޔަލް ދެ މެޗު ކުޅެ ދެ ގޯލް ވެސް ޖެހި އެވެ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިއަކަށް އޭނާ އަށް ވެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އިރު އޭނާ ވަނީ އެ ކުލަބަށް ކުޅެން ފެށިތާ ދެ މަސްތެރޭ ފުޓުބޯޅަ ކުޅުން ވެސް ހުއްޓާލައިފަ އެވެ.

އަދިވެސް 100 މީޓަރާއި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް ކޮވިޑަށް ޕޮޒިޓިވްވި އިރު މިފަހުން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް އެތުލީޓުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި ޔުވެންޓަސް އިން ބާސެލޯނާއަށް ބަދަލުވާން އެއްބަސްވި މިރަލެމް ޕިޔަނިޗް އާއި ނޮވަކް ޖޮކޮވިޗް ވެސް ވަނީ މިފަހަކުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް