ފަހުގެ ސެމްސަންގް ފޯނުތަކަށް ޕްރީ އޯޑަރު ކުރަން ދިރާގުން ހުޅުވާލައިފި

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ޕްރީއޯޑަރ ކުރުމަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މިއަދުން ފެށިގެން ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި 20 އަލްޓްރާ 5ޖީ މޮބައިލް ފޯނު ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސެމްސަންގެ އެންމެ ފަހުގެ ފޯނު ތަކަކީ އެކުންފުނިން އެންމެ ފަހުން ތައާރަފުކުރި ފްލޭގްޝިޕް ފޯނުތަކެވެ.

ދިރާގު މެދުވެރިކޮށް އެ ފޯނުތައް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ދަށުން ހަ މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ހަމައެއާއެކު، ނޯޓް20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތަކެކެވެ.

ދިރާގުން ގެލެކްސީ ނޯޓް 20 5ޖީ ގެ ފޯނުތައް ތަފާތު ދެ ކުލައެއްގައި ލިބިގެން ދާނެއެވެ. އެއީ މިސްޓިކް ބްރޯންޒް އަދި މިސްޓިކް ގްރީން އެވެ. އަދި ނޯޓް 20 އަލްޓްރާ 5ޖީ، މިކްޓިކް ބްރޯންޒް އަދި މިސްޓިކް ބްލެކް، އިން ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުގައި ކަމަށެވެ.

ސެމްސަންގުން ހާމަ ކުރާ ގޮތުގައި ދެ ފޯނުގައިވެސް 5ޖީ ބޭނުން ކުރެވޭނެއެވެ. އަދި އެ ފޯނުތަކަކީ ގޭމް ކުޅޭ މީހުންނާއި "ޕަވާ ޔޫސާސް"ގެ މެދުގައި ވަރަށް މަގުބޫލު ފޯނުތަކަކަށް ވެގެންދާނެކެމަށެވެ.

ސެމްސަންގް ގެލެކްސީ ނޯޓް20 ގެ ސްކްރީން ސައިޒުގައި 6.7 އިންޗި ހުންނަ އިރު އަލްޓަރާ 20 5ޖީ ގެ ސްކްރީން ސައިޒަކީ 6.9 އިންޗެވެ.

comment ކޮމެންޓް