ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "އަަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް" ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްބީއެމްއެލް އިން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމިޔުނިޓީ ފަންޑުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާކުރާނެ ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލް ހޮވައި، ކޮންމެ ޕްރޮޕޯޒޒޒަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ބެންކުގެ އެންމެ މުހިންމު އެއް އަމާޒަކީ ބޭންކާއި މުޖުތަމައުއާ އޮތް ގުޅުން ބަދަހިކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ 20 ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން. މިހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އުއްމީދަކީ މި ހުޅުވާލެވުނު ފުރުސަތުގައި ގިނަ ރަށްރަށަކުން ޕްރޮޕޯސަލްތައް ލިބުން،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށް ކުރާ މަސައްކަތް ވަނީ އިތުރުކޮށްފައެވެ.

މި ފަންޑުގެ ދަށުން މިހާތަނަށް 25 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް