ބަންގްލަދޭޝް މީހުން ގޮވައިގެން މޯލްޑިވިއަންގެ 30 ވަނަ ދަތުރު

ބަންގްލަދޭޝް ރައްޔިތުން ފުރުން -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ގޮވައިގެން މޯލްޑިިވިއަން އިން 30 ވަނަ ދަތުރު ކޮށްފި އެވެ.

މޯލްޑިވިއަންގެ ފްލައިޓުގައި މިއަދުވެސް ބަންގްލަދޭޝްގެ ޑާކާ އަށް 200 މީހުން އުފުލާފައިވެ އެވެ.

އެ އެއާލައިނުން ބުނީ ރެޕަޓްރިއޭޝަން ފްލައިޓުތަކުގައި މިހާތަނަށް 5،733 ބަންގްލަދޭޝް ރައްޔިތުން އެމީހުންގެ ގައުމަށް ގެންގޮސްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހާ ހަމައަށް 4،751 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިމަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު މި ކުރަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މި އަހަރުގެ ނިޔަލަށް 20،000 މީހުން ފޮނުވާލެވޭނެ ކަމަށް. އެއީ ޓާގެޓަކީ. ނުވެދާނެ، އެކަމަކު ގަދައަޅާ މަސައްކަތް މިކުރަނީ ޓާގެޓަށް ވާސިލް ވެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

comment ކޮމެންޓް