ސްޕޯޓްސް ކޯޕަރޭޝަނުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

އިއްޔެ ބޭއްވި ސްޕޯޓްސް ކޯޕަރޭޝަންގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން --- ފޮޓޯ//ސްޕޯޓްސް ކޯޕަރޭޝަން

ކެބިނެޓުގެ ތާއީދާ އެކު އުވާލަން ނިންމާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި އެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައި ވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމާ އެކު ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ ބައްދަލުވުމެއްގައި މީގެ ކުރިން ނިންމާފައި އޮތް އިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ.

އިއްޔެ ބޭއްވި ސްޕޯޓްސް ކޯޕަރޭޝަންގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން --- ފޮޓޯ//ސްޕޯޓްސް ކޯޕަރޭޝަން

މިޖަލްސާގައި މިކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އިތުރުން ސަރުކާރުގެ ހިއްސާ ތަމްސީލު ކުރެއްވުމުގެ ގޮތުން ޕްރޮކްސީއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ޙުސައިން ހަމީމް ބައިވެރިވެވަޑައިގަތެވެ.

މިޖަލްސާގައި 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާ ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތައް ހުށަހަޅާވަނީ ފާސްކޮށްފަ އެވެ. އަދި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމައި 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން އައްޔަންކޮށްފައިވެއެވެ. މިގޮތުން 2020 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރަކަށް އައްޔަން ކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހެވެ.

އެއަށްފަހު ޙިއްޞާދާރުންގެ ފަރާތުން ޚިޔާލުފާޅުކުރެއްވުމަށް ފުރުޞަތު ދެއްވުމަށްފަހު ޖަލްސާ ވަނީ ނިންމަވާލެއްވި އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަަށް ރާއްޖެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކޯޗު އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއަށްފަހު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއެކު ޔޫތު މިނިސްޓްރީން ވަނީ ބޮޑު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

comment ކޮމެންޓް