ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނޮވެމްބަރ 22، 2019: "ހިބަރު ވަދު" ގެނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އެ ޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އެ ގާނޫނުގައި ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ކުރިއަށް ގެންދަން ޖެހޭގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓާ ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން އެ ޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ. އަދި އެފައިސާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ އަންގައިފައެވެ.

އެނގިފައިވާ ގޮތުގައި، 2013 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ވެސް ޕީޕީއެމް އިން ފައިސާގެ ކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އޭރު އެ ޕާޓީގެ ހަޒާންދާރުގެ ގޮތުގައި ހުންނެވި އަހްމަދު މުސްތަފާ ވެސް ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

އަދި އެ ފައިސާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދައްކާ ހަލާސްކުރުމަށް ވަނީ އަންގައިފައެވެ.

comment ކޮމެންޓް