ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ޖޫރިމަނާކޮށްފި

އަހްމަދު މުސްތަފާ މުހައްމަދު

ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އޭރު އެ ޕާޓީގެ ހަޒާންދާރު އަދި މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ޖޫރިމަނާކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އެ ގާނޫނުގައި ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ކުރިއަށް ގެންދަން ޖެހޭގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓާ ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޕީޕީއެމްގެ ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އަހްމަދު މުސްތަފާ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން "ސަން" އަށް ވަނީ އެނގިފައެވެ.

އަދި އެ ފައިސާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދައްކާ ހަލާސްކުރުމަށް އޭނާއަށް އަންގާފައިވާކަން ވެސް ވަނީ އެނގިފައެވެ.

comment ކޮމެންޓް