ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮވޭ: އަލީ ސޯލިހު

ސަން ފޮޓޯ/ ފަޔާޒް މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން އޭނާ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށްޓަކައި އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެމައްސަލައިގައި ޖޭޕީގެ ސްޓޭންޑަކީ ކޮބައިތޯ "ސަން" އިން ސުވާލުކުރުމުން، އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.

އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްތަކަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ފައްޔާޒް ވަކިކުރުމުގެ މައްސަލައާ ގުޅޭގޮތުން ޖޭޕީގެ އެއްވެސް ލެވެލް އެއްގައި މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އިތުރަށް އެއްޗެއް ހާމަކުރަން އޮތްނަމަ ފަހުން އެކަމެއް ކޮށްލާނަން. ލީޑަރު ގާސިމް އިބްރާހީމްގެ ބަހެއް ތިކަމުގައި އޮތް ނަމަ، އެކަން ފަހުން ހާމަކުރާނަން. ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮވޭ. ކަމެއް ގޯހިއްޔާ އެކަމެއް އަބަދުވެސް ހާމަކުރާނަން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން މަސައްކަތް ކުރަމުން އަންނަ އިރު، އެމްޑީޕީ ބައެއް މެމްބަރުން ވަނީ ޝޯޝަލް މީޑިއާގައި ފައްޔާޒު ދިފާއުކޮށް ވާހަކަ ދައްކަން ފަށައިފައެވެ.

ފައްޔާޒުގެ ދިފާއުގައި ނުކުތް ބައެއް މެމްބަރުން ޓްވީޓާގައި ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ ވަރަށް ގާބިލު ހިންގުންތެރި މިނިސްޓަރެއްގެ ގޮތުގައި މެމްބަރުން ފާހަގަކޮށްފައިވެއެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނޫނެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 14 މެމްބަރެއްގެ ސޮއި އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ މެމްބަރުގެ އަދަދަކީ، 65 އެވެ. އެ ޕާޓީގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، ޕާޓީ ތެރޭގައި ވަކި ވަކި ފެކްޝަންތައް ހެދި، ކޮންމެވެސް ވަރެއްގެ ބައިބައިވުން އޮވެ އެވެ.

comment ކޮމެންޓް