ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަަމަށް ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ސާމިޔާ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހަމަޖައްސާފައިވަނީ އާއިޝަތު ސާމިޔާ އެވެ.

އެ މަގާމަށް އައްޔަނުކުރުމާ ހަމައަށް، ސާމިޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ޕޮލިސީ އަދި އިންޓަނޭޝަނަލް ހެލްތު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގަ އެވެ.

ސިއްހަތާ ބެހޭ ދާއިރާގައި 21 އަހަރު މަސައްކަތްކުރައްވާފައިވާ ސާމިޔާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ހެލްތު އިންފޮމޭޝަން މެނޭޖްމަންޓުގެ ދާއިރާއިން ބެޗެލާސް ޑިގްރީ، އަދި ކެނެޑާގެ ޑެލްހުޒީ ޔުނިވާސިޓީން ހެލްތު ސާވިސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރެއްވި ސާމިޔާ ހެލްތު މިނިސްޓްރީއާ ގުޅިވަޑައިގަތީ 2017 ވަނަ އަހަރުއެވެ.

ސާމިޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލުގެ މެމްބަރެއްވެސް މެއެވެ.

މީގެ އިތުރުން ސާމިޔާއަކީ ވިލާ ކޮލެޖުގައި ޕަބްލިކް ހެލްތު ދާއިރާއިން ހިންގާ މާސްޓާސް ޑިގްރީ ކޯހުގެ ލެކްޗަރަރެއްގެ އިތުރުން ޔޯގާ އިންސްޓްރަކްޓަރެކެވެ.

ހެލްތު މިނިސްޓްރީއަށް އާ ޕާމަނަންޓް ސެކްރެޓަރީއަކު އައްޔަނުކޮށްފައި މިވަނީ، އެ މަގާމު ހުސްކޮށް އޮންނަތާ ފަސްް ވަރަކަށް މަސް ދުވަސް ފަހުންނެވެ.

އެ މަގާމުގައި އެންމެ ފަހުން ހުންނެވި ޚަދީޖާ އަބްދުއްސަމަދު އަބްދުﷲގެ މަގާމުގެ މުއްދަތު ފެބްރުއަރީ، 25، 2020 ގައި ހަމަވާން އޮއްވާ، ސިވިލް ސާވިސް ކޮމިޝަނުން ވަނީ ފެބްރުއަރީ، 20، 2020 ގައި އޭނާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައި އޭނާއާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްކޮށް އޮތް ދުވަސްވަރު އެކްޓިންގް ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ތިން ބޭފުޅަކު ފުރުއްވި އެވެ. އެއީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި، ޑރ. ރަޒާނާ ފާއިޒްގެ އިތުުރުން ހުސައިން މާނިއު އެވެ.

comment ކޮމެންޓް