ރޮނާލްޑޯގެ މިހާރާއި އޭރުގެ ކުލަބު ވެސް ޗެމްޕިއަންސް ލީގުން ކަޓައިފި

ޔުވެންޓާސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ވަރުގަދަ ޔުވެންޓަސްއާއި ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީއާއި ލިޔޯން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކޮވިޑް19 ގެ ސަބަބުން އައި މެދުކެނޑުމަށްފަހު ޗެމްޕިއަންސް ލީގުގައި ނުނިމި ހުރި މެޗުތައް ފެށި އިރު، ރޭ ކުޅުނު ދެ މެޗުގެ ނަތީޖާތަކަކީ ވެސް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުންނަށް ހިތިރަހަ ނުފިލާނެ ނަތީޖާތަކެކެވެ. ރޮނާލްޑޯގެ މިހާރުގެ ކުލަބުގެ އުންމީދުތައް ފެނަށް ދުއްވާލައ،ި ލިޔޯންއިން 2-2 ގެ އެގްރިގޭޓަކާ އެކު ދެވަނަ ބުރު ފަހަނަ އަޅައި ދިޔައީ އަވޭ ގޯލު އިތުރަށް ޖަހައިގެންނެވެ. އަނެއް ކޮޅުން ރޮނާލްޑޯގެ ކުރީގެ ކުލަބް ރެއާލް މެޑްރިޑް މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނީ މެންޗެސްޓާ ސިޓީ އަތުން ދެ ލެގުގައި ވެސް 1-2 އިން ބަލިވެގެން 4-2 ގެ އެގްރިގޭޓް ނަތީޖާއާ އެކު އެވެ.

ޗެމްޕިއަންސް ލީގުގެ ރަސްކަމުގެ ތަހުތުގައި އެންމެ ގިނަ ދުވަހު ދެމިއޮތް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި މިއީ މިހާތަނަށް އެ މުބާރާތުން އެ ޓީމު ކެޓި ފުރަތަމަ ފަހަރެވެ. މީގެ ފަސް އަހަރު ކުރިން އެ ކުލަބާއި ހަވާލުވި ޒިދާން ވަނީ ފުރަތަމަ ތިން ސީޒަނުގައި ވެސް އެ މުބާރާތް ކާމިޔާބުކޮށް ރެކޯޑް ގާއިމު ކޮށްފަ އެވެ. އެއަށްފަހު އެއްއަހަރު ދުވަހުގެ މެދުކެނޑުމަށްފަހު އަލުން ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން ޒިދާން މި ބޮޑު ރެކޯޑަށް ނިމުން ގެނައީ ޕެޕް ގާޑިއޯލާގެ ސިޓީ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެ މެޗުން ސިޓީ މޮޅުވީ 1-2 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

ކެޕްޓަން ސާޖިއޯ ރާމޯސް ސަސްޕެންޝަނުގެ ސަބަބުން ނުލައި ރެއާލުން ރޭގެ މެޗާ ކުރިމަތިލި އިރު ސިޓީއިން ޖެހި ދެ ގޯލަކީ ވެސް ރަފައެލް ވެރާން އަށް ހެދުނު ބޮޑެތި ސިންގާ ގޯސްތަކެއްގެ ސަބަބުން ސިޓީ ކުޅުންތެރިން ކާމިޔާބުކުރި ލަނޑުތަކެކެވެ.

ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގެ ނުވަ ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ވެރާން އަމިއްލަ އޭރިޔާތެރޭ ހިފައިގެން ހުރި ބޯޅަ ސިޓީގެ ގެބްރިއަލް ޖެސޫސް ހޯދުމަށް ފަހު ރަހީމް ސްޓާލިން އަށް ޖައްސާލުމުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ސިޓީ އަށް ބަދަލުވުމަށް ފަހު ސްޓާލިން ޖެހި 100 ވަނަ ލަނޑެވެ.

ފުރިހަމަ ފެށުމަކާ އެކު ސިޓީން ލީޑު ނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ކަރީމް ބެންޒީމާ ވަނީ ގޯލެއް ޖަހައި ކުލަބުގެ އުންމީދުތައް ދަމަހައްޓައިފަ އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ވެސް ޖެހުނީ ހަމަ އެއްތާކު އެވެ. ވެރޭންގެ މިސްޓޭކް ތަކުރާރުވީ އެވެ.

އެ ހާފުގައި ސިޓީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ ވެރާން ގޯލްކީޕަރަށް ބޮލުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެސޫސް ކާމިޔާބުކުރި ލަނޑުންނެވެ. ވެރާން ބޮލުން ދިން ބޯޅަ އަށް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެރި ވަގުތު ޖެސޫސް ވަނީ ހުށިޔާރުވެ ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މި ހޯދި މޮޅާ އެކު އެ ޓީމުން ކުއާޓާއަށް ދަތުރު ކުރި އިރު އެ ޓީމު ވާދަ ކުރާން ޖެހޭނީ ރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ އުންމީދުތައް ފުނޑު ފުނޑުކޮށް ދެވަނަ ބުރު ގިރާކުރި ލިޔޯން އެވެ. ރޭގެ މެޗުގައި 1-2 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރި ހޯދި ނަމަވެސް ލިޔޯން ފުރަތަމަ މެޗުގައި 0-1 އިން މޮޅުވެފައި އޮތުމުން އެ ޓީމު ވަނީ އަވޭ ގޯލުގެ ތަފާތަކުން ކުއާޓާއަށް ދަތުރު ކޮށްފަ އެވެ.

ޔުވެންޓާސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ//ލައިވްސްކޯ

މީގެ 24 އަހަރު ކުރިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ޔުވެންޓަސްއިން އެ ފަހުން ފަސް ފައިނަލުގައި ކުޅުނު އިރު ވެސް ވަނީ ބަލިވެފަ އެވެ. އެހެން ކަމުން އެ މުބާރާތް ކާމިޔާބު ކުރުމަށް މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ރޮނާލްޑޯ މީގެ ދެ ސީޒަން ކުރިން ޔުވެންޓަސްއިން ގެނައި ނަމަވެސް އަދި މިހާތަނަށް އެކުލަބަށް މާބޮޑު ކާމިޔާބީއެއް މި މުބާރާތުގައި ނުލިބެ އެވެ.

ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ލިޔޯނުން ވަނީ މެމްފިސް ޑިޕާއީ ވައްދާލި ޕެނަލްޓީން ލީޑު ނަގައިފަ އެވެ. މިއީ އޭރިޔާ ތެރެއިން ލިޔޯންގެ ކުޅުންތެރިއަކަށް ޔުވެންޓަސްގެ ރޮޑްރީގޯ ބެންޓަންކުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެއަށްފަހު ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުމެށް ގޯލަށް ވަންނަން ދަނިކޮށް ލިޔޯންގެ ގޯލްކީޕަރު އެންތޮނީ ލޮޕޭސް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މިރަލެމް ޕިޔަނިކް ފޮނުވާލި ހިލޭ ޖެހުމެއް އޭރިޔާތެރެއިން ޑިޕާއީގެ އަތުގައި ޖެހުމުން ޔުވެންޓަސް އަށް ރެފްރީ ދިން ޕެނަލްޓީ ރޮނާލްޑޯ ވަނީ ވައްދާލައިފަ އެވެ.

ޔުވެންޓަސްގެ އުންމީދުތައް ދެމެހެއްޓުމަށް ރޮނާލްޑޯ ރޭގެ މެޗުގެ ދެވަނަ ހާފުގައި ވެސް ގޯލެއް ޖެހި އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި އިރު މިއީ އޭނާ މި ސީޒަނުގައި ޔުވެންޓަސްއަށް ޖަހައިދިން 36 ވަނަ ގޯލެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން ކުރިއަށް ދާނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގެ ލިސްބޮންގަ އެވެ. ކުއާޓާ އިން ފެށިގެން އެއް ލެގްގެ ނޮކްއައުޓް މެޗެއް ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

comment ކޮމެންޓް