ގައުމީ ޓީމުތަކުގެ ޕްރެކްޓިސް އަނެއްކާވެސް މެދުކަނޑާލައިފި

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން: ފޮޓޯ އެފްއޭއެމް

ކޮވިޑްގެ ކޭސްތަކެއް ރާއްޖެއިން ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާ އެކު، ގައުމީ ޓީމުތައް މިދިޔަ މާޗް މަހުން ފެށިގެން ޕްރެކްޓިސް ނުކޮށް ހުރެފައި މިދިޔަ މަހު ކުރީކޮޅު ޕްރެކްޓިސްތައް އަލުން ފެށި ނަމަވެސް ހާލަތު އަނެއްކާވެސް ގޯސްވުމުން ޕްރެކްޓިސްތައް މެދުކަނޑާލައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ އިއްޔެ ވިދާޅުވީ މި ދުވަސްވަރުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުން އެންމެ ރަނގަޅު ނޫން ކަމަށާއި މުބާރާތްތަކާއި ޕްރެކްޓިސްތައް ވެސް މެދުކަނޑާލަން ޖެހޭ ކަމަށެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން: ފޮޓޯ އެފްއޭއެމް

އެއާ އެކު މިހާރު ކުރިއަށްގެންދާ ފުޓުބޯޅަ، ކްރިކެޓް އަދި ބެޑްމިންޓަންގެ އިތުރުން ސްވިމިންގް ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ވަނީ ވަގުތީ ގޮތުން އަަނެއްކާވެސް މެދުކަނޑާލައިފަ އެވެ.

ޕްރެކްޓިސްތައް މެދުކަނޑާލިކަން ހުރިހާ އެސޯސިއޭޝަނަކުން ވެސް ހާމަކުރި އިރު މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ވޯލްޑް ކަޕް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އޮކްޓޫބަރާއި ނޮވެމްބަރު މަހު އޮތް މެޗުތަކަށް ތައްޔާރުވަމުން އަންނަ ފުޓުބޯޅަ ޓީމަށެވެ.

ތިން މަސްދުވަހުގެ މެދުކެނޑުމަކަށްފަހު ފުޓުބޯޅަ ޓީމު މިދިޔަ މަހުގެ ކުރީކޮޅު ޕްރެކްޓިހަށް ނުކުން އިރު ކޯޗު މާޓިން ކޫޕްމަންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ އެވެ. އެކަމަކު ޕްރެކްޓިސްތައް ފަށައިގެން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުޅުންތެރިން އެކަމުން އަރައިގެނެ ރަނގަޅު ފިޓްނަސް އެއްގައި ތިބި ކަމަށް ކޯޗު ބުނެފައިވަނިކޮށް އަނެއްކާވެސް ޕްރެކްޓިސްތައް މެދުކަނޑާލުމުން ކުޅުންތެރިންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާނެ އެވެ.

ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ގްރޫޕްގައި ރަނގަޅު ހިސާބެއްގައި އޮވެ ނިންމާލައިފިނަމަ އޭގެ ސަބަބުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެ އަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.

comment ކޮމެންޓް